އިންޑިއާގައި ނިއު ޒީލަންޑުން ކުޅެމުންދާ ޓެސްޓް ކްރިކެޓް ސީރީޒްގެ ތިންވަނަ މެޗުން މޮޅުވެ، 3-0 އިން ސީރީޒް ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް ޖެހިލައިފިއެވެ.
މިއީ މިދިޔަ 24 އަހަރުގެ ތެރޭގައި އަމިއްލަ ގައުމުގައި ކުޅުނު ޓެސްޓް ކްރިކެޓް މެޗެއްގެ ހުރިހާ މެޗަކުން އިންޑިއާ ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިފަހަރުގެ ސީރީޒްގައި ހޯދީ މޮޅަކީ އިންޑިއާ އާ ދެކޮޅަށް ނިއު ޒީލަންޑްގެ ފުރަތަމަ މޮޅެވެ. އަދި، މި ފަހަރުގެ ސީރީޒްގެ ފުރަތަމަ މެޗުގައި ހޯދީ މޮޅާއެކު، ނިއު ޒީލަންޑުން ވަނީ 36 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޓެސްޓް މެޗެއްގައި އިންޑިއާ ބަލިކޮށްފައެވެ.
މި ފަހަރުގެ ޓެސްޓް ސީރީޒްގެ ފުރަތަމަ މެޗުގައި ބެންގަލޫރުގައި ނިއު ޒީލަންޑުން މޮޅުވީ 8 ވިކެޓުންނެވެ. މި މެޗުގެ ފުރަތަމަ އިނިންގްސްގައި އިންޑިއާގެ ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 46 ލަނޑަށެވެ. އެއަށްފަހު، ދެން ޕޫނޭގައި ކުޅުނު ދެވަނަ މެޗުން ނިއު ޒީލަންޑް މޮޅުވީ 113 ލަނޑުގެ ތަފާތަކުންނެވެ. އޭގެފަހުން، އިއްޔެ ކުޅެވުނު ތިންވަނަ ޓެސްޓް މެޗުގެ ތިންވަނަ ދުވަހުގެ ކުޅުމަށްފަހު ނިއު ޒީލަންޑުން މެޗު ކާމިޔާބުކުރީ 25 ލަނޑުންނެވެ.
މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލަންޑުން ކުޅެންއަރައި، 65.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 235 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޑަރީލް މިޗޭލް ވަނީ 82 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވިލް ޔަންގް 71 ލަނޑުހެދިއެވެ. މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ ރަވިންދްރަ ޖަދޭޖާ ފަސް ވިކެޓްނެގިއެވެ. ދެން އެންމެ ރަނގަޅަށް އުކި ވޮޝިންގޓަން ސުންދަރް ހަތަރު ވިކެޓްނެގިއިރު، އަކާޝް ދީޕް ވިކެޓެއްނެގިއެވެ.
އިންޑިއާގެ ފުރަތަމަ އިނިންގްސްގައި 59.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 263 ލަނޑުހެދިއެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ޝުބްމަން ގިލް އާއި ރިޝަބް ޕަންތު އެވެ. ޝުބްމަން ގިލް ވަނީ 90 ލަނޑުހަދައިފައެވެ. ރިޝަބް ޕަންތު ވަނީ 59 ބޯޅައިން 60 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވޮޝިންގޓަން ސުންދަރް ވަނީ 36 ބޯޅައިން 38 ލަނޑުހަދައިފައެވެ. އެ ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ 18 ލަނޑުހެދިއިރު، ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ނުބައިވީ އެންމެ ހަތަރު ލަނޑަށެވެ. ނިއު ޒީލަންޑުން އެންމެ ރަނގަޅަށް އުކި އަޖާޒް ޕަޓޭލް ފަސް ވިކެޓްނެގިއެވެ.
ނިއު ޒީލަންޑްގެ ދެވަނަ އިނިންގްސްގައި ކުޅެން އަރައި، 45.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 174 ލަނޑުހަދައި، އިންޑިއާ އަށް މެޗު ކާމިޔާބުކުރަން 147 ލަނޑުގެ ޓާގެޓެއް ކަނޑައެޅިއެވެ. މި އިނިންގްސްގައި ނިއު ޒީލަންޑުން އެންމެ ރަނގަޅަށް ކުޅުނު ވިލް ޔަންގް 51 ލަނޑުހެދިއެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ ސްޕން ބޯލަރުން ކަމަށްވާ، ޖަދޭޖާ އާއި ރަވިޗަންދްރަ އަޝްވިން އެވެ. ޖަދޭޖާ ފަސް ވިކެޓްނެގިއިރު، އަޝްވިން ތިން ވިކެޓްނެގިއެވެ.
ޖަވާބުގައި ކުޅެން އަރައި، 29.1 އޯވަރުގެ ތެރޭގައި އިންޑިއާގެ ހުރިހާ ކުޅުންތެރިން ނުބައިވީ 121 ލަނޑަށެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 57 ބޯޅައިން 64 ލަނޑުހެދި ރިޝަބް ޕަންތު އެވެ. ދެވަނަ އިނިންގްސްގައި ރޯހިތު ޝަރްމާ އަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ނުބައިވީ 11 ލަނޑަށެވެ. ވިރާތު ކޯލީ އާއި ޝުބްމަން ގިލް ނުބައިވީ އެންމެ ލަނޑަކަށެވެ. ނިއު ޒީލަންޑުން އެންމެ ރަނގަޅަށް އުކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޖާޒް ޕަޓޭލް އެވެ. އޭނާ ހަ ވިކެޓްނެގިއެވެ. ދެން އެންމެ ރަނގަޅަށް އުކި ގްލެން ފިލިޕްސް ތިން ވިކެޓްނެގިއެވެ.
މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، ޓެސްޓް ސީރީޒްގެ އެންމެ މޮޅު ކުޅުންތެރިޔާ މަގާމް ހާސިލްކުރީ ނިއު ޒީލަންޑްގެ ބެޓްސްމަން، ވިލް ޔަންގް އެވެ. އޭނާ ވަނީ 244 ލަނޑުހަދައިފައެވެ.