އިޓާލިއަން ލީގުގައި އިއްޔެ ކުޅުނު މެޗުގައި އަޑެމޯލާ ލުކްމަން ކާމިޔާބުކުރި ދެލަނޑާއެކު ރަށުން ބޭރުގައި އެޓަލާންޓާ އިން 3-0 ގެ ނަތީޖާއަކުން ނާޕޮލީ ބަލިކޮށްފިއެވެ.
މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުގައި ނާޕޮލީ ބަލިވި ފުރަތަމަ ފަހަރެވެ. އޭގެކުރީން، ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗު ކާމިޔާބުކޮށްފައިވާއިރު، ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަލިނުވެ ވަނީ 10 މެޗު ފުރިހަމަކޮށްފައެވެ. އަދި، މިއީ ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ އޮގަސްޓް މަހުގައި ރަށުން ބޭރުގައި ހެލާސް ވެރޯނާ އަތުން 3-0 އިން ބަލިވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ނާޕޮލީ އެވެ. އެ ޓީމަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އަށް 11 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ފިއޮރެންޓީނާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. އެޓަލާންޓާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.
ނާޕޮލީގެ ސްޓާޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާގައި އިއްޔެ ކުޅުނު މި މެޗުގައި އެޓަލަންޓާ އިން ޖެހި ފުރަތަމަ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައެވެ. މި ދެ ލަނޑުވެސް ޖެހީ ލުކްމަން އެވެ.
މި ފަހަރުގެ ސީޒަނުގައިވެސް އެޓަލާންޓާގައި މޮޅު ކުޅުމެއް ދައްކަމުންއަންނަ ނައިޖީރިއާގެ ވިންގް، ލުކްމަން ވަނީ 10 ވަނަ މިނެޓުގައި އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު، ޗާލްސް ޑެ ކެޓެލާރޭ ބޮލުން ޖައްސާލި ޕާހެއްގެ އެހީގައި ވޮލީއަކުން ފޮނުވާލި ބޯޅައަކުން ލީޑްނަގައިދީފައެވެ.
ނާޕޮލީ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު އެއްފުރުޞަތުގައި އެ ޓީމުގެ ބެލްޖިއަމް ފޯވާޑް، ރޮމެލޫ ލުކާކޫ ފޮނުވާލި ބޯޅަ އެޓަލާންޓާގެ ގޯލްކީޕަރު، މާކޯ ކާނެސެޗީ ވަނީ ހުއްޓުވައިފައެވެ. އަދި އޭގެފަހުން، އެޓަލާންޓާ އިން 1-0 އިން ކުރީގަ އޮއްވާ، ނާޕޮލީ އަށް އެއްވަރުކޮށްދޭން ސްކޮޓް މެކްޓޮމިނޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މި މެޗުގައި އެޓަލާންޓާ އިން ޖެހި ދެވަނަ ލަނޑު، 31 ވަނަ މިނެޓުގައި ލުކްމަން ކާމިޔާބުކޮށްދިނީ ވެސް ކެޓެލާރޭ ދިން ޕާހަކުންނެވެ. އޭނާ މި ލަނޑުޖެހީ ގޯލާ ތަންކޮޅެއް ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލާއެކު ލުކްމަން ވަނީ މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް 16 ލަނޑުޖަހައި، އިތުރު 11 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން އެޓަލާންޓާ ކުރީގަ އޮވެގެންނެވެ.
މެޗުގެ އިތުރުވަގުތުގެ ތެރޭގައި އެޓަލާންޓާގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް އިޓަލީގެ ފޯވާޑް، މަޓެއޯ ރެޓޭގީ އެވެ.
ލީގުގައި އެޓަލާންޓާ ދެން ކުޅޭ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ އުދިނޭޒީއާ ދެކޮޅަށެވެ. ނާޕޮލީ އަށް ދެން އެންމެ އަވަހަށް އޮތީ ރަށުން ބޭރުގައި އިންޓައާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.