ޚަބަރު

މިއަދަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް


"ކޮންމެ ލޭ ތިއްކަކީވެސް ޞަދަގާތެއް"، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހުގެގޮތުގައެވެ.

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ޚާއްޞަ ސަމާލުކަމެއްދީ، ފާހަގަކުރުމުގެ ބޭނުމަކީ ލޭހަދިޔާކުރާމީހުން އިންސާނިއްޔަތަށްޓަކައި ކޮށްދޭ މުހިންމު ކަންތަކުގެ އަގު ވަޒަންކުރުމެވެ. އަދި އެމީހުންނަކީ ހަމައެކަނި ވަކި ޤައުމަކަށް ނިސްބަތްވާ ބައެއް ނޫންކަމާއި، މުޅި ދުނިޔޭގެ ބޮޑު ޖަމާޢަތަކަށް ނިސްބަތްވާ ބައެއްކަން އަންގައިދިނުމެވެ.

މިއަހަރުގެ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިޢާރަކީ "ޝެއަރ ލައިފް، ގިވް ބްލަޑް" މި ޝިއާރު ދުނިޔޭގެ ޞިއްޙާތާބެހޭ ޖަމްޢިއްޔާ، ޑަބްލިއު އެޗްއޯއިން އަމާޒުކުރެވިފައިވަނީ ލޭ ހަދިޔާކުރެވެނީ ކާކަށްކަން ނުބަލައި ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ލޭ ދެވެނީ ގާތްތިމާގެ މީހަކަށްތޯ ނުވަތަ ރައްޓެއްސަކަށްތޯ ބެލުމެއްނެތި އިންސާނިއްޔަތަށްޓަކައި އަނެކާގެ ދިރިއުޅުމުގައި ތިމާގެ ޙިއްޞާ އޮތްކަން ދެނެގަނެ އެ ނިޔަތުގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމެވެ.

ރާއްޖޭގެ މިއަދުގެ ޙާލަތަށް ވިސްނާލާއިރު ލޭ އަޅަންޖެހޭ ޙާލަތްތައް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އެގޮތުން ލޭ ބޭނުންވާ ފަރާތްތަކުގެ ތެރޭގައި ތެލެސީމިއާ ކުދިން، މާބަނޑުވުމާއި ވިހެއުމުގެތެރޭގައި ލޭ އަޅަންޖެހޭ މައިން، ކިޑްނީ މައްސަލަ ހުންނަމީހުން، ތަފާތު އޮޕަރޭޝަންތަކާއި، މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތަކުގައި އަނިޔާވާ މީހުންގެ އިތުރުން ދިގުމުއްދަތަކަށް ބަލިވެއުޅޭ މީހުން ހިމެނެއެވެ. އަދި ޑެންގީހުން ފެތުރޭ ދުވަސްވަރާ ދިމާކޮށް ލޭ ބޭނުންވާ ނިސްބަތް އިތުރުވެއެވެ.

ބައިނަލްއަޤްވާމީ ލޭހަދިޔާކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތްތައް ރަމަޟާން މަސް ނިމުމުން ކުރިއަށް ގެންދިއުމަށް މުއައްސަސާތަކާއި އަމިއްލަ ޖަމާޢަތްތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގައި ލޭ ހަދިޔާކުރުމުގައި ދަރުމައަށް މަސައްކަތްކުރާ ފަރާތްތައް އިތުރުވަމުން އަންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މޯލްޑިވްސް ބްލަޑް ޑޯނާރސްއިން ބުނާ ގޮތުގައި 2010 ވަނަ އަހަރު ލޭ ހަދިޔާކުރާ މީހުންގެ ނިސްބަތް 2 އިންސައްތާގައި ހުރިއިރު، ހަ އަހަރު ދުވަހުގެ ތެރޭގައި 30 އިންސައްތަ މިހާރު އިތުރުކުރެވިފައިވާކަމަށެވެ. އަދި މިކަމުގައި ޢާންމުން ހޭލުންތެރިވެ، ޒުވާނުންނާއި އަންހެން ކުދިން ލޭ ހަދިޔާ ކުރާ ނިސްބަތް އިތުރުވެފައިވާކަން އެފަރާތުން ފާހަގަކުރައްވައެވެ.

ލެއަށް ބޭނުންވާ މީހުން އިތުރުވަމުންދާތީ މިކަމަށް ޙައްލެއް ގެނައުމުގައި ޒުވާނުންނަށް އަދާކުރެވިދާނެ ދައުރުގެ މުހިންމެވެ. މިގޮތުން ލޭ ހަދިޔާކުރުމާއި، ލޭ ހަދިޔާކުރުމަށް އެހެންމީހުންނަށް ހިތްވަރު ދިނުމުގެ މަސްއޫލިއްޔަތު ޚާއްޞަގޮތެއްގައި ޒުވާނުންނަށް އަދާކުރެވިދާނެއެވެ. ޢުމުރުން އަށާރައަހަރު ފުރިފައިވާ ކޮންމެ މީހަކީވެސް ލޭ ހަދިޔާކުރާ މީހަކަށް ވެވިދާނެއެވެ.