ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ނުރައްކާތެރި ރޮކެޓު ޙަމަލާތަކެއްދީ, 11 މީހުން ޒަޚަމު ކޮށްލައިފިއެވެ. ޙިޒްބުاللهން އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަަސްޠީނުގެ މުސްލިމުންނާއި, މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ވާގިވެރިވުމެވެ.
ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޔަހޫދީން ދިރިއުޅޭ ރަށްތައް ވަނީ ހުސްކުރަން މަޖުބޫރުވެފައެވެ. އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ވަނީ, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހު ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އަދި, ވެރިރަށް ބައިރޫތާއި ދެކުނުގައިވާ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށް ބޮންއަޅަން ފަށާފައެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު, އެއްގަމު މަގުން ލުބްނާންގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.
ޙިޒްބުاللهން އެންމެ ފަހުން ދީފައިވާ ރޮކެޓު ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ މެދުތެރޭގެ ރަށްތަކާއި, ވެރިރަށް ތެލް އަވީވަށެވެ. ޙިޒްބުاللهން ބުނީ, ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ތެލް އަވީވުގެ ރަށްބޭރުގައި ހުންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށް ކަމުގައެވެ. ޔަހޫދީންގެ އެމަރޖެންސީ ޚިދުމަތްތަކާ ބެހޭ އިދާރާއިން ބުނީ, ޙިޒްބުاللهގެ ރޮކެޓު ޙަމަލާއެއްގައި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި, ޢާންމުންގެ 11 މީހުން ޒަޚަމުވި ކަމުގައެވެ.
ޙިޒްބުاللهން ރޮކެޓުތައް އުދުއްސައިލުމާ އެކު ޒަޔަނިސްޓުންގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އަޅަން ފެށިއެވެ. އަދި, ބޮން ޝެލްޓަރތަކަށް ވަދެ ޔަހޫދީން ފިލިއެވެ. ޔަހޫދީ ފައުޖުން ބުނީ, އިސްރާއީލުގެ މެދުތެރޭގެ ރަށްތަކަށް ޙަމަލާ ދިނުމަށް ޙިޒްބުاللهން އަސްކަރީ ޑްރޯންތަކެއް ވެސް ބޭނުން ކޮށްފައިވާ ކަމުގައެވެ. ޙިޒްބުاللهގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައި މި ވަނީ, އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން ރޮކެޓުތައް ދިފާޢުކޮށް ވައްޓައިލަން ޔަހޫދީ ފައުޖުން ކުރި މަސައްކަތްތައް ފޭލުވުމުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޙިޒްބުاللهން ދީފައިވާ ނުރައްކާތެރި ޙަމަލާތަކުގައި ޔަހޫދީންގެ 71 މީހުން މަރައިލާފައިވެއެވެ.
ޔަހޫދީ ފައުޖުން ވެސް ދަނީ މެދުކެނޑުމެއް ނެތި ލުބްނާންގެ ރަށްތަކަށް ބޮން އަޅަމުންނެވެ. އަދި, އެއްގަމު މަގުން ހިންގަމުންދާ ޤަތުލުޢާންމު ފުޅާ ކުރަމުންނެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 52އަށް އުފުލިފައިވާ ކަމުގައެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބަޢަލަބަކައަށެވެ.
އަދި, އިޠާރަށް ދީފައިވާ ޙަމަލާތަކެއްގައި ޙިޒްބުاللهގެ އިސް ދެ ކޮމާންޑަރުން ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ލުބްނާންގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލު)ން ބުނީ, އެ ޤައުމުގެ ދެކުނުގައިވާ ރަށްތަކަށް ޔަހޫދީ ފައުޖުން ނުރައްކާތެރި ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. އަދި, ބޭނުމަކީ އެ ރަށްތައް ސުންނާފަތިކޮށްލައި, ހުސްކުރުން ކަމަށް ބެލެވޭ ކަމުގައެވެ.
ލުބްނާންގައި ހަރަކާތްތެރިވާ އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާ, އިސްލާމިކް ރިލީފް އޮގަނައިޒޭޝަންގެ އިސް އޮފިޝަލެއް ކަމުގައިވާ ފަރަޙް ސަޔިފާން ވިދާޅުވީ, ބިޤާޢު ވާދީގެ ރައްޔިތުންނަށް "ބިރުވެރި ހުވަފެނެއް" ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. "ރޭގަނޑު ނިދުމުން ދެން ވާނެ ގޮތެއް ނޭނގޭ. ނިދަން ވެސް އެ މީހުން ބިރުގަނޭ, ހެނދުނު ހޭލާއިރު ވާނެ ގޮތެއް ނޭނގޭ — ޙަމަލާދީ ޝަހީދު ކޮށްލާނީ ކޮން ބަޔެއް ކަން ނޭނގޭ, ޙަމަލާ ދޭނީ ކޮން ތަނަކަށް ކަން ނޭނގޭ،" އޭނާ ވިދާޅުވިއެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,968އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ
ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,319އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.