ޚަބަރު

ސާފުތާހިރުކަންކުޑަ 26 ތަނެއް ރަނގަޅުކުރުމަށް ފުރުޞަތު ދީފި


ރަމަޟާން މަހަށް ޚާއްޞަ ކުރައްވައިގެން "ރޯދައާއި ޞިއްޙަތު" ގެ ނަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކުރިޔަށްގެންދަވާ ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގެ، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާތަނެއް ފާސްކުރައްވާފައިވާކަމަށާއި، މި އިންސްޕެކްޝަން ތެރެއިން މައްސަލަ ހުރި ކަމަށް ފެންނަ 26 ތަނެއް ރަނގަޅު ކުރުމަށް ފުރުޞަތު ދެއްވާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ.

މި އިންސްޕެކްޝަނަކީ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާން ކުރާ ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ވިއްކާ ތަންތަނުން އަމަލުކުރަމުންދޭތޯ ބެއްލެވުމަށް ކުރިއަށްގެންދަވާ އިންސްޕެކްޝަނެކެވެ. މި ޕްރޮގްރާމްގެ ދަށުން  މާލެއާއި، ހުޅުމާލެ، ވިލާމާލޭގެ އިތުރުން ތިލަފުށީގައި ހިންގާ ތަންތަން، ރަމްޟާންމަހުގެ ތެރޭގައިވެސް، ވަކި އުޞޫލެއްގެ ދަށުން ބައްލައްވަމުން ގެންދަވާ ކަމަށާއި، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުގައި ބަޔާން ކުރާ ޤަވާއިދާއި ޚިލާފްވެފައިވާކަން ފާހަގަކުރެވިފައިވާނަމަ، މާލެއެކޭ އެއްފަދައިން، ފިޔަވަޅު އަޅުއްވަމުން ގެންދަވާނޭކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ މިހާރު ކުރިޔަށް ގެންދަވާ އިންސްޕެކްޝަން ޕްރޮގްރާމްގެ ތެރެއިން، މާލޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 485 ތަނެއް  ދެމެހެއްޓެނިވި ގޮތެއްގައި އިންސްޕެކްޓް ކުރައްވަމުން ގެންދަވާނޭކަމަށެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާން ކުރާ ޤަވާއިދާ އެއްގޮތަށް މި ތަންތަން ޖޫރިމަނާކުރާނެކަމަށާއި އަދި ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ބަންދުކުރަން އަންގަވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.