ޚަބަރު

ރަޝިޔާއިން ކީވަށް ޑްރޯން ޙަމަލާތަކެއް, އޮކްޓޫބަރުގައި 2,000 ޑްރޯން ޙަމަލާ


ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ކީވްގެ އޮފިޝަލުން ބުނީ, ރަޝިޔާގެ ޙަމަލާތަކުގައި އެ ރަށުގެ ހަ އަވަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި, ފުލުހަކަށް އަނިޔާވި ކަމުގައެވެ. ޑްރޯން ޙަމަލާތަކުގައި ޢާންމުންގެ ގެދޮރަށް ގެއްލުން ލިބިފައިވާއިރު, ބައެއް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގިއެވެ. ރަޝިޔާއިން ކީވަށް ޑްރޯން ޙަމަލާތަކެއް ދީފައި މި ވަނީ, ހުސްވި އޮކްޓޫބަރު މަހު ޔޫކްރެެއިންގެ އެކި ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކުގައި 2,000 ޑްރޯން ބޭނުން ކޮށްފައިވާ ކަން އެ ޤައުމުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކީވްގެ މޭޔަރު ވިތާލީ ކްލިޗްކޯ ވިދާޅުވީ އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ ދެ މީހުން ޒަޚަމުވި ކަމުގައެވެ. "އިތުރު ރެއެއް. ވައިގެ ޙަމަލާތަކުގެ އިތުރު އިންޒާރެއް. އިތުރު ޑްރޯން ޙަމަލާއެއް. ރަޝިޔާގެ އަސްކަރިއްޔާއިން ކީވްގެ ސަރަޙައްދަށް, ކުރިއެކޭ އެއްގޮތަށް މި ވަނީ އިތުރު ޙަމަލާތަކެއް ދީފައި،" ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ސަރްހީ ޕޮޕްކޯ ވިދާޅުވިއެވެ. ކީވަށް ޙަމަލާ ދޭން ބޭނުން ކޮށްފައިވާ ގިނަ ޑްރޯންތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކީވަށް ރަޝިޔާއިން އެންމެ ފަހުން ދީފައިވާ ޑްރޯން ޙަމަލާތަކާ ގުޅިގެން އެ ރަށުގައި ފަސް ގަޑިއިރަށް އިންޒާރުގެ ރަނގަބީލު އެޅިއެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ދަނީ މެދުކެނޑުމެއް ނެތި ޔޫކްރެއިންގެ ރަށްތަކަށް ޑްރޯނާއި މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ. އެ ޙަމަލާތައް ޔޫކްރެއިންގެ ޢާންމުންގެ ގެދޮރާއި ޢޫމްރާނީ ވަސީލަތްތަކަށް އަމާޒު ކުރަމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރި ނަމަވެސް, އެ ތުހުމަތުތައް ދޮގުކޮށް ރަޝިޔާއިން ބުނީ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ގަސްދުގައި ޙަމަލާ ދެމުން ނުދާ ކަމުގައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ, އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ހުސްވި އޮކްޓޫބަރު މަހު ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި 2,000އަށްވުރެ ގިނަ އަސްކަރީ ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. ހުސްވި މަހު އެކަނިވެސް ޔޫކްރެއިންގެ ވެރިރަށް ކީވަށް ރަޝިޔާއިން 20 ވަރަކަށް ފަހަރު ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ބުނީ, ރަޝިޔާއިން ބޭނުން ކޮށްފައިވާ 2,023 ޑްރޯންގެ ތެރެއިން 1,185 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

"ޖުމުލަކޮށް, 2024ވަނަ އަހަރު ފެށި ފަހުން, ދުޝްމަނުން [ރަޝިޔާއިން] ޔޫކްރެއިނަށް ދީފައިވާ ޙަމަލާތަކުގައި 6,897 ޑްރޯން ބޭނުން ކޮށްފައިވޭ. ދުޝްމަނުންގެ ޑްރޯން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް،" ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ބުންޏެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ބޭނުން ކޮށްފައިވާ 31 ޑްރޯނާއި އެއް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި, އޭގެ ތެރެއިން އެއް ޙަމަލާގައި ދެ ސަރަޙައްދެއްގައި ހުރި ޢާންމުން ދިރިއުޅޭ ދެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި, ދެކުނު އޮދެއްސާ ސަރަޙައްދުގައި ހުރި އަލިފާން ނިއްވާ ޓީމުތަކުގެ އިމާރާތަކަށް ވެސް ގެއްލުން ލިބުނު ކަމުގައެވެ.

ހަނގުރާމައިގައި ރަޝިޔާއިން ދަނީ ކުރިއެރުންތަކެއް ވެސް ހޯދަމުންނެވެ. މި ގޮތުން, ޔޫކްރެއިންގެ އިރުމަތީގައި އޮންނަ މުހިންމު ރަށެއް ކަމުގައިވާ ޕޯކްރޮވްސްކް ކައިރީގައި އޮތް ބައެއް ސަރަޙައްދުތައް ރަޝިޔާގެ ފައުޖުތަކުގެ ސިފައިން ދާދި ފަހުން ވަނީ އަތްގަދަ ކޮށްފައެވެ. ޕޯކްރޮވްސްކް ކައިރީގައި އޮތް ރަށެއް ކަމުގައިވާ ސެލީދޮވޭއަށް ރަޝިޔާގެ ސިފައިން ވަދެފައިވާ ކަން ހާމަކޮށްފައި ވަނީ ހަނގުރާމައިގެ ޚަބަރުތައް ރިޕޯޓު ކުރާ ޓެލްގްރާމް ޗެނަލެއް ކަމުގައިވާ ޑީޕްސްޓޭޓުންނެވެ. ޕޯކްރޮވްސްކް އޮންނަކީ ސެލީދޮވޭގެ ހުޅަނގުއުތުރުގައި 20 ކިލޯމީޓަރު ދުރުގައެވެ. އެއީ, އެ ސަރަޙައްދުގައި އޮންނަ ދަތުރުފަތުރުގެ މައި މަރުކަޒެވެ.

ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުން %18 ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައި ލުހާންސްކާއި ދޮންޏެސްކުގެ ގިނަ ރަށްތަކާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ މައި އިންޖީނުގެ ވެސް އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ. މީގެ އިތުރުން, ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ 2014ވަނަ އަހަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.