ޚަބަރު

މެދުއިރުމައްޗަށް އެމެރިކާގެ ބޮންއަޅާ މަތިންދާބޯޓުތަކާއި އިތުރު މަނަވަރުތައް ފޮނުވަނީ


އެމެރިކާގެ ބޮންއަޅާ މަތިންދާބޯތުތަކާއި އިތުރު މަނަވަރުތައް މެދުއިރުމައްޗަށް ފޮނުވަން ނިންމާފައިވާ ކަން އިޢުލާނު ކޮށްފިއެވެ. ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވަން ނިންމާފައިވާ އިތުރު ހަތިޔާރުގެ ތެރޭގައި ބީ-52 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކާއި, އަސްކަރީ މަތިންދާބޯޓުތަކަށް ތެޔޮއަޅަން ބޭނުން ކުރާ ޓޭންކަރ މަތިންދާބޯޓުތަކުގެ އިތުރުން ޑިސްޓްރޯޔަރ މަރުކާގެ އަސްކަރީ މަނަވަރުތައް ހިމެނެއެވެ.

އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ, މެދުއިރުމައްޗަށް އިތުރު ހަތިޔާރު ފޮނުވަން ނިންމާފައި ވަނީ, އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އެބްރަހަމް ލިންކަނާއި, އެ މަނަވަރާ އެކު ދަތުރު ކުރާ ސްޓްރައިކް ގުރޫޕު އަނބުރާ ޤައުމަށް ގެންދިޔުމުގެ ގޮތުންނެވެ.

ޕެންޓެގަނުން ބުނީ, ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ބޮންއަޅާ މަތިންދާބޯޓުތަކާއި އިތުރު އަސްކަރީ މަނަވަރުތައް މެދުއިރުމައްޗަށް ފޮނުވުމުގެ ބޭނުމަކީ އެމެރިކާގެ އަސްކަރިއްޔާގެ ބާރާއި ޤާބިލުކަން ދެއްކުން ކަމުގައެވެ. އަދި, ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ވެސް ހަރަކާތްތެރިވުމުގެ ބާރު ލިބިގެންވާ ކަން ހާމަކޮށްދިނުން ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި, މިއީ މެދުއިރުމަތީގެ ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ބިރުދައްކައި, އިންޒާރު ދިނުމުގެ ގޮތުން އެމެރިކާއިން އަޅާ ފިޔަވަޅެކެވެ.

"އީރާނާއި, އެ ޤައުމުގެ ވާގިވެރިންނާއި, އެ ޤައުމުގެ ޕްރޮކްސީތަކުން [އީރާނުން ވާގިވެރިވާ މުޖާހިދުންގެ އަދި ހަތިޔާރު އެޅި ޖަމާޢަތްތަކުން] އެމެރިކާގެ ސިފައިންނާއި އެމެރިކާގެ މަސްލަޙަތު އޮތް ޤައުމަކަށް [ޒަޔަނިސްޓު އިސްރާއީލަށް] ޙަމަލާ ދޭން ނިންމައިފި ނަމަ, އެ ޙަމަލާތައް ދިފާޢު ކުރަން އެމެރިކާއިން ފިޔަވަޅުތައް އަޅާނެ،" އީރާނަށް އިންޒާރު ދެއްވަމުން ޕެންޓެގަންގެ ތަރުޖަމާނު ޕެޓްރިކް ރައިޑަރ ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަމުންނެވެ. އަދި, ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ވެސް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އެ ކަމާ ދެކޮޅަށް ތެދުވި މުޖާހިދުންގެ ޖަމާޢަތްތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ.

މުޖާހިދުންގެ ޖަމާޢަތްތަކުގެ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފޫގަޅައިގެން އޮތް އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތައް ފޮނުވާފައެވެ. ފާއިތުވި އަހަރެއްހާ ދުވަހު އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ދެ މަނަވަރު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. އޭގެ ތެރެއިން ޔޫއެސްއެސް އެބްރަހަމް ލިންކަން އަނބުރާ ޤައުމަށް ގެންދަން ނިންމާފައި ވަނީ އޭގެ ޑިޕްލޯއިމަންޓް ނުވަތަ އޮޕަރޭޝަންގެ މުއްދަތު ހަމަވުމުންނެވެ. އަދި, ބޮންއަޅާ މަތިންދާބޯޓުތައް އެ ސަރަޙައްދަށް ފޮނުވަން ނިންމާފައި ވަނީ, އަސްކަރީ މަތިންދާބޯޓު އުފުލާ އިތުރު މަނަވަރެއް ފޮނުވެންދެނެވެ.

މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދީފައިވެއެވެ. އޮކްޓޫބަރު 1ވަނަ ދުވަހު 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އީރާނުން ޙަމަލާ ދީފައި ވަނީ, ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އޭޕްރިލް މަހު ވެސް އީރާނުން ޔަހޫދީންނަށް އެ ފަދަ ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތައް ދިފާޢު ކުރުމަށް އެމެރިކާއިން ވަނީ ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ޙަމަލާތަކުގެ ރައްދުގައި ޔަހޫދީ ފައުޖުން ވެސް ވަނީ އޮކްޓޫބަރު 26ވަނަ ދުވަހު އީރާނުގެ މައި ރަށްތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ދެ ސިފައިން ޝަހީދު ކޮށްލައި, ރާޑަރު ނިޒާމަކަށް ގެއްލުން ދިން ނަމަވެސް, ޢުދުވާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ކަމުގައި އީރާނުން ބުންޏެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމަކީ ގާތް ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާއިރު, އީރާނުން ދީފާނެ ކޮންމެ ޙަމަލާއަކުން ޔަހޫދީން ޙިމާޔަތް ކޮށްދޭން އެމެރިކާއިން ތައްޔާރަށް އޮތް ކަން ޕެންޓެގަނުން ވަނީ ހާމަކޮށްފައެވެ.

ލުބްނާންގެ ރަށްތަކަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ރައްދުގައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ވެސް ދަނީ ޒަޔަނިސްޓުންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޙިޒްބުاللهން ދީފައިވާ މިސައިލް ޙަމަލާތަކެއްގައި ޔަހޫދީންގެ 19 މީހުން ޒަޚަމު ކޮށްލިއެވެ. ޒަޔަނިސްޓު އިސްރާއީލުގެ މެދުތެރޭގައި އޮތް ޝާރޫނަށް ދިން ޙަމަލާގައި ގިނަ ބަޔަކު ޒަޚަމުވެފައިވާ ކަން ޔަހޫދީ ފުލުހުން ކަށަވަރު ކޮށްދިނެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބުނީ, އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދިނުމަށް ޙިޒްބުاللهން ތިން ޕްރޮޖެކްޓައިލް ނުވަތަ މިސައިލް ބޭނުން ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރެއިން ބައެއް މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. އިސްރާއީލުގެ އެމްބިޔުލާންސް ޚިދުމަތުން ބުނީ, ޝާރޫންގެ ތަޔިރާއަށް ދިން ޙަމަލާގައި ހަތް މީހުން ޒަޚަމުވި ކަމުގައެވެ. ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޑްރޯން ޙަމަލާތަކެއް ދީފައިވާނެ ކަމަށް ބުނެފައެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.