ޚަބަރު

ފްލެޓް ތަކުގެ މައްސަލާގައި އޭސީސީން އަންގަވާގޮތަށް އަމަލުކުރަނީ


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެއްވާ 15 ފްލެޓްގެ މައްސަލައިގައި އޭ.ސީ.ސީއިން އަންގަވާފައިވާ ގޮތައް ކުރިޔަށްގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އަންގަވައިފިއެވެ.

މިކަމާއި ބެހޭ އެންމެ ފަހުގެ މައްލޫމާތު ޕީ.އެސް.އެމާ ހިއްސާ ކުރައްވަމުން މިނިސްޓްރީ އޮފް ލޯވް އެންޑް ޖެންޑަރގެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އާމިނަތު ޝަރީފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދެއްވުމަށް ކަނޑައަޅުއްވާފައިވާ 15 ފްލެޓަށް ޝޯޓްލިސްޓު ކުރެވިފައިވާ މީހުންނާ ފްލެޓް ޙަވާލުކުރެއްވުމަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާފުޅަކަށް އެދިވަޑައިގެންނެވުމުން، އޭ.ސީ.ސީގެ އެންގެވުމާއި އެއްގޮތައް ކުރިޔަށްގެންދެވުމަށް ލަފާދެއްވާފައިވާކަމަށެވެ. އެހެންކަމުން އޭ.ސީ.ސީގެ އެންގެވުމާއި އެއްގޮތަށް، ފޯމްތައް އަލުން މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިކަން ކުރިޔަށްގެންދަވާނީ އޭ.ސީ.ސީގެ މަޝްވަރާގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުމާލެއިން ސަރުކާރުން ދޫކުރެއްވުމަށް ހަމަޖައްސަވާފައިވާ 15 ފްލެޓަށް 2013 ވަނަ އަހަރު މީހުން ޝޯޓްލިސްޓްކުރެވިފައިވާއިރު، އެކި މަރުޙަލާތަކުގައި ދިމާވި ތަފާތު އެކި މައްސަލަތަކުގެ ސަބަބުން ފްލެޓް ޙަވާލުކުރެއްވުން ވަނީ ފަސްވެފައެވެ. މިކަމާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެޙިމާޔަތުގައި މަސައްކަތް ކުރާ ކައުންސިލާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި ވަކާލާތު ކުރަމުންދާ ތަފާތު އެކި ޖަމާޢަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.