ލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރު ކުރުމާއި, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރުމާ އެކު ޔަހޫދީ ފައުޖުގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެވޭނެ ކަމުގެ އުންމީދުތައް ފަނޑުވެއްޖެއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޖަރީމާތަކެއް ފެށުމަށް ފަހު, ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ޤަތުލުޢާންމެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޖަރީމާގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރު ދިން ޙަމަލާތަކުގައި 84 މީހުން ޝަހީދުކޮށްލިއެވެ.
ޔަހޫދީ ފައުޖުން އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ގެދޮރު ނެތިފައިވާ ގިނަ އަދަދެއްގެ ބަޔަކު ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މަދަރުސާއަކަށެވެ. އެ ފަަދަ އިމާރާތްތަކަށް ދެމުންދާ ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. ބޭނުމަކީ, ޣައްޒާގެ ޢާންމުންގެ ތެރެއިން ވީހާވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށްލުމެވެ.
މިއީ, ޢުދުވާންތައް ފެށި ފަހުން ޔަހޫދީ ފައުޖުން ބޮންއަޅާފައިވާ 200ވަަނަ ވަގުތީ ހިޔާއެވެ. ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 34އަށް އަރައެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ 84 މީހުންގެ ތެރޭގައި 50އެއްހާ ކުޑަކުދިން ހިމެނޭ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފައެވެ. ޔަހޫދީން ބުނީ, އެ ޙަމަލާގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިއްޒުއްދީން ކަސަބު ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް, ޙަމާސުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ޚާން ޔޫނިސަށް ދީފައިވާ ޙަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލިއެވެ.
މި މަހުގެ 5ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޣައްޒާ ޢުދުވާން ވަގުތީ ގޮތުން މެދުކަނޑައިލުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާގެ މަންދޫބުން ހާމަކުރިއެވެ. ޣައްޒާއާއި ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ވަގުތީ ގޮތުން ޢުދުވާންތައް މެދުކަނޑައިލުމުގެ ބަދަލުގައި ޙަމާސުން ޝަރުޠު ކުރަނީ ޢުދުވާން ހިންގުން އެއްކޮށް ހުއްޓައިލުމަށެވެ. ނަމަވެސް, ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.
ނުޞަޔިރާތުގެ އިތުރުން އެ ސަރަޙައްދުގައި އޮތް އަލް-ޒަވާޔިދާއާއި އުތުރުގައި އޮތް ދަޔިރް އަލް-ބަލަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އަދި, ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުރި މަދަރުސާއަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އެ މަދަރުސާއަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ.
އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އދގެ އިދާރާތަކުން ބުނީ, ޣައްޒާގެ އުތުރުގެ ރަށްތައް ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އަދި, ބަލިމަޑުކަމާއި ހައިހޫނުގައި ޖެހިގެން އެތަކެއް ސަތޭކަ ބަޔަކު ޝަހީދުވުމުގެ ހިރާސް ބޮޑު ކަމުގައެވެ. ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާއާއި ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫނެއް ވަދެނިކުމެ ހެދޭނެ ހުރިހާ މަގެއް ޔަހޫދީ ފައުޖުން ވަނީ ބަންދު ކޮށްފައެވެ.
ލުބްނާންގެ ވެރިރަށް ބައިރޫތަށް ވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ބޮންއަޅަމުންނެވެ. ސެޕްޓެންބަރު 23ވަނަ ދުވަހު ބައިރޫތުގެ އިތުރުން ލުބްނާންގެ ދެކުނުގެ ރަށްތަކާއި އަލް-ބިޤާޢު ވާދީއަށް ބޮންއަޅަން ފެށުމަށް ފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީން ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ފޮނުވައި ޤަތުލުޢާންމު އިތުރުކޮށް ފުޅާކޮށްފައެވެ.
ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ބައިރޫތުގެ 10 ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދިނެވެ. ބައިރޫތަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކާ އެކު, ޔަހޫދީން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯލެންބުވުމަށް ކުރަމުންދާ މަސައްކަތްތައް ފޭލުވެފައިވާ ކަން ހާމަވާ ކަމުގައި ބައިރޫތުގެ ރައްޔިތުން ބުންޏެވެ. އަދި, އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ޤަތުލުޢާންމުތަކަށް ނިމުމެއް ގެންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމުގައި އެ މީހުން ދެކެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ, ޔަހޫދީންގެ ޖަރީމާތައް އެތަކެއް ގުނައަކަށް އިތުރު ފުޅާކުރާނެ ކަމުގައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ, ލުބްނާނާއި ޣައްޒާގައި ހިންގަމުންދާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޒަޔަނިސްޓު އިސްރާއީލުގެ ވަޒީރެއް ކަމުގައިވާ ޜޮން ދަރްމަރާ މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. ނަމަވެސް, ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީޤާތީ ވިދާޅުވީ, ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ ހުރިހާ މަޝްވަރާތަކަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަމުގައެވެ. "އިސްރާއީލުން ނެރެފައިވާ ބަޔާންތަކާއި ދީފައިވާ ޚާރިޖީ ޖަވާބުތަކުން ހާމަވަނީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރަން އެ މީހުން ދެކޮޅު ކަމާއި އެ މީހުން ހަރުކަށި ކަން, އަދި ފަނާކުރަނިވި ޙަމަލާތައް ހުއްޓައިލަން ބޭނުންނުވާ ކަން،" އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,259އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 101,827 މީހުން ޒަޚަމު ކޮށްލާފައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,897އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,150އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.