ޚަބަރު

ޔުނައިޓެޑުގެ ކޯޗުގެ މަގާމަށް އަމޮރިމް ހަމަޖައްސައިފި


ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމަށް ރުބެން އަމޮރިމް ހަމަޖައްސައިފިއެވެ.

އުމުރުން 39 އަހަރުގެ އަމޮރިމް، ޔުނައިޓެޑްގެ ކޯޗުގެ ޒިންމާތަކާ ހަވާލުވާނީ މި މަހުގެ 11 ގައެވެ. އެއީ، އޭނާގެ މިހާރުގެ ޓީމު ކަމަށްވާ، ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންގެ ކޮންޓްރެކްޓްގައިވާ ނޯޓިސްގެ މުއްދަތު ހަމަކުރުމަށްފަހު މިވަގުތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށްފަހު އެވެ.

ޔުނައިޓެޑުން ވަނީ އަމޮރިމް އާއެކު 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން، އިތުރު އެއްއަހަރަށް ކޮންޓްރެކްޓް އައު ކުރުމުގެ އޮޕްޝަން ލިބިގެންވެއެވެ. މީގެއިތުރުން، އަމޮރިމް އާއެކު ސްޕޯޓިންގ ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ގާތްގަނޑަކަށް 11 މިލިއަން ޔޫރޯ (11.95 މިލިއަން އެމެރިކާ ޑޮލަރު) ދައްކަން އެއްބަސްވެފައިވާ ކަމަށް ވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

މީގެ ހަތަރު އަހަރުކުރީން، ސްޕޯޓިންގެ ކޯޗުކަމާ ހަވާލުވި އަމޮރިމް އަކީ 19 އަހަރުގެ މެދުކެނޑުމަކަށްފަހު އެ ޓީމަށް ލީގު ކާމިޔާބުކޮށްދިނުމުގެ މޭސްތިރިއެވެ. އޭގެފަހުން، ސްޕޯޓިންގ އިން ވަނީ ނިމިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ޕޯޗުގީޒް ލީގު ކަޕް ވެސް ސްޕޯޓިންގ އާއެކު ދެފަހަރު ހޯދިއިރު، ބްރާގާ އާއެކު އެ މުބާރާތް އެއްފަހަރު ކާމިޔާބުކުރިއެވެ.

ޔުނައިޓެޑާއެކު އަމޮރިމް ނިކުންނަ ފުރަތަމަ މެޗަކަށްވެގެންދާނީ، ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު ނޮވެންބަރު 24 ގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންކަމުން، އެ މުއްދަތާ ހަމައަށް ޔުނައިޓެޑަށް އިރުޝާދު ދޭނީ މިހާރުގެ އިންޓެރިމް ކޯޗު، ރޫޑް ވެން ނިސްޓެލްރޫއީ އެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު، އެރިކް ޓެން ހާގްގެ މަގާމުން ދުރުކުރީ، ލީގުގައި އެންމެ ފަހުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 އިން ބަލިވި މެޗަށްފަހު އެވެ. މި ފަހަރުގެ ސީޒަނުގައި އެ ޓީމުން ދަށް ނަތީޖާތަކެއް ނެރެފައިވާއިރު، މިވަގުތު އޮތީ ލީގުގެ 14 ވަނައިގައެވެ.

ޓެން ހާގް މަގާމުން ވަކިކުރުމަށްފަހު، ނިސްޓެލްރޫއީގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުގައި އިނގިރޭސި ލީގު ކަޕްގައި ލެސްޓާ ސިޓީ އަތުން 5-2 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

އަމޮރިމް އަކީ 2013 ވަނަ އަހަރުގައި ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ސާރ އެލެކްސް ފާގަސަން ވަކިވިފަހުން، އެ ޓީމާ ހަވާލުވާނެ 10 ވަނަ ކޯޗެވެ.