ޚަބަރު

ވޭޕާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މިއަދުން ފެށިގެން ބޮޑުވާނެ


  • ސިގިރޭޓާއި ބިޑީގެ ޑިއުޓީ %50 ޕަސެންޓު ބޮޑުކޮށް، ސިނގިރޭޓަކުން 8ރ އިތުރުވާނެ

  • ކުރިން ސިނގިރޭޓާއި ބިޑިން ނަގަމުން އައީ %25

  • ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން 8 ރުފިޔާ އިތުރުވާނެ

ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވުމާއެކު މިއަދުން ފެށިގެން ސިނގިރޭޓާއި ވޭޕުން ނަގާ ޑިއުޓީ ބޮޑުވާނެއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މިދިޔަ މަހުގެ 14 ވަަނަ ދުވަހުއެވެ. ރައީސްގެ މި ނިންމެވުމާ ގުޅިގެން ގިނަ ބަޔަކުވަނީ އެމަނިކުފާނަށާއި ސަރުކާރަށް ތަޢުރީފްކޮށްފައެވެ.

ވޭޕު ކުރުމުގެ ނުރައްކާތެރިކަމާއި އޭގެ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މި ނުރައްކާތެރި އާދަ ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން ގެންދަނީ ސިއްޙީ ޚިދުމަތްތެރިންނެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ވޭޕުގެ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް އެންމެބޮޑަށް މަރުހަބާ ކިޔައި ޝުކުރު އަދާކުރައްވާފައިވަނީވެސް ސިއްޙީ ދާއިރާގެ ބޭފުޅުންނެވެ.

އެފަރާތްތަކުން ހާމަކުރައްވާފައިވާ ގޮތުގައި ވޭޕުގެ ނުރައްކަލަށް ހުށަހެޅި އެއަށް ދެވިހިފާފައިވާ އެއްބަޔަކީ މަދަރުސާތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނެވެ. އަދި ވޭޕްގެ ނުރައްކާ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ދަރިވަރުންނަށް ގިނަގުނަ ޞިއްޙީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ޞިއްޙީ މާހިރުން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތުން އަންނަ މަހުގެ 15ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އަދި އެއާގުޅޭ ބާވަތްތައް އެތެރެކުރުން މަނާވާނެއެވެ. ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ އެފަދަ ތަކެތިން ޑިއުޓީ ބޮޑުކުރުމަށެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު، ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން މިއަދުން ފެށިގެން %50 އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނަގާނެއެވެ. ކުރިން ސިނގިރޭޓާއި ބިޑިން ޑިއުޓީ ނަގަމުން އައީ %25އެވެ. އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން 3 ރުފިޔާއެވެ. މި އިސްލާހާއެކު އީ-ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫން އާލަތްތަކަށް އަޅާ ފްލެވާއާއި ކެމިކަލުން %50 އަދި ކޮންމެ މިލިލީޓަރަކުން 8 ރުފިޔާގެ ޑިއުޓީ ނަގާނެއެވެ.

މިތަކެތީގެ އިތުރުން ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން %50 އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާގެ ޑިއުޓީ ނަގާގޮތަށްވެސް ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ. މީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަތްކާއި، ހީޓަޑް ޓޮބެކޯ އުފެއްދުންތަކުން %200ގެ ޑިއުޓީ ނެގުމަށްވެސް ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

މި އިސްލާހު ގެނައުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީން އަންނަ އަހަރު އިތުރަށް 1.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ ބާވަތްތައް ވިއްކައިފިނަމަ، 2000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި އެ ބޭނުންކޮށްފިނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރާގޮތަށް ސަރުކާރުގެ ފަރާތުން ޤާނޫނަށް އިސްލާހުގެނައުމަށް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ވިއްކުމާއި އެފަދަ އުފެއްދުމެއް ވިއްކުމުގައި ބައިވެރިކުރުވުމަކީވެސް މަނާކަމެކެވެ. އަދި އެކަން އެނގޭގޮތަށް އެފަދަ ތަކެތި ވިއްކާ ތަންތަނުގައި އިންޒާރު ހަރުކުރަންވެސް މި އިސްލާހުގައިވަނީ ހިމަނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިއިސްނެންގެވުމާ ގުޅިގެން، ގިނަ ބައެއްގެ ތަޢުރީފު ވަނީ އެމަނިކުފާނަށާއި ސަރުކާރަށް ލިބިފައެވެ. ދިވެހިރާއްޖެއަށް ވޭޕު އެތެރެކުރުން މަނާކުރެއްވުމަކީ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި އެޅުއްވި އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އާންމު ފަރާތްތަކުންވެސް ދަނީ ފާހަގަކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް ވޭޕު އެތެރެކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމަކީ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް އެޅުނު މުހިންމު ފިޔވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.