ޚަބަރު

ޣައްޒާގެ އުތުރުގައި ޢުދުވާން ހިންގައި 45 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި 45 މީހުން ޝަހީދު ކޮށްލާފައިވާ ކަން އެ ސަހަރުގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މި ވަގުތު އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, އެ ސަރަޙައްދުގައި އޮންނަ ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫނަށެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ, ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބަޔިތު ލާޙިޔާއަށް ބަރުހަތިޔާރާ އެކު އަރައިގަނެފައިވާ ކަމުގައެވެ. އަދި, އެ ރަށުގައި ތާށިކޮށްލާފައިވާ މީހުންގެ ގެދޮރަށް ޙަމަލާދީ, ހުޅުޖަހަމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރުން ވެސް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. ޢުދުވާނުގައި އެންމެ ފަހުން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޖަބާލިޔާއިން ދެ މީހަކާއި, ނުޞަޔިތާރު ރެފިއުޖީ ކޭމްޕުން އެކަކާއި, ބަޔިތު ލާޙިޔާއިން ދެ މީހުން ހިމެނެއެވެ.

ޣައްޒާ ސިޓީގެ ދަރާޒު އަވަށަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮންއަޅާފައެވެ. ފަލަސްޠީނުގެ ވަފާ ނޫސް އޭޖެންސީން ބުނީ, ދަރާޒު އަވަށުގައި ހުންނަ އަލް-ޞަޙާބާ މާރުކޭޓަށް ދިން ނިރުބަވެރި ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމުގައެވެ. އެ ޙަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. ޣައްޒާ ސިޓީގެ ތަލް އަލް-ހަވާގައި ހުންނަ އަލް-ޤުދުސް ހަސްފަތާލަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ.

އޮކްޓޫބަރު 29ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ބަޔިތު ލާޙިޔާއަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އަބޫ ނަޞްރު ޢާއިލާގެ މެންބަރުން ދިރިއުޅެމުން ދިޔަ އިމާރާތަށް ދިން ޙަމަލާތަކުގައި 93 މީހުން ޝަހީދު ކޮށްލާފައިވާ އިރު އޭގެ ތެރޭގައި 25 ކުޑަކުދިން ވެސް ހިމެނެއެވެ. އެއަށް ފަހު ޔަހޫދީ ފައުޖުން ވަނީ ބަޔިތު ލާޙިޔާގެ ސަލާޠީން އަވަށަށް ބޮންއަޅައި އިތުރު 18 މީހުން ޝަހީދު ކޮށްލާފައެވެ.

ޔަހޫދީ ފައުޖުން ބަޔިތު ލާޙިޔާއަށް ދެމުންދާ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ގެދޮރާއި އެހެން އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ. ބަޔިތު ލާޙިޔާގައި ހުންނަ ކަމާލް ޢަދްވާނީ ހަސްފަތާލުގެ ޑރ ޢަޔިދު ޞުބްޙު ވިދާޅުވީ, އިމާރާތްތަކުގެ ދަށުގައި ތާށިވެ, ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައެވެ. "ޒަޚަމުވެއްޖެ މީހެއް ނަމަ, އެ ތަނެއްގައި އެ އޮތީ, ޝަހީދު ކޮށްލައިފި މީހެއް ނަމަ, އެ މީހެއްގެ ހަށިގަނޑު ވެސް ވީ އެ ތަނުގައި،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,163އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 101,510 މީހުން ޒަޚަމު ކޮށްލާފައެވެ.