ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނުތަކަށް ސަރުކާރުން ހުށައެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިޞްލާހުތައް ފާސްކޮށްފައެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ ޓީޖީއެސްޓީ ބޮޑު ކުރުމަށެވެ. އެގޮތުން މިހާރު ޓީޖީއެސްޓީގެ ގޮތުގައި %16 ނަގަމުންދާއިރު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަދަދު %17 އަށް ބޮޑުކުރަން ބިލުގައި ހިމަނާފައެވެ. ނަމަވެސް ކޮމެޓިން ގެނައި ބަދަލައެކު މަޖިލީހުން ފާސްކުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި %16 ނަގައި ޖުލައި މަހުން ފެށިގެން %17 ނެގުމަށެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ގްރީން ޓެކްސް ބޮޑުކުރުމަށެވެ. އެ ބިލުގައިވާގޮތުން އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި މިހާރު 6 ޑޮލަރު ދައްކަމުންދާ ތަންތަނުން ޓޫރިސްޓަކަށް ދައްކަން ޖެހޭނީ 12 ޑޮލަރެވެ. އަދި މިހާރު 3 ޑޮލަރު ދައްކަން ޖެހޭ ތަންތަނުން ދައްކަން ޖެހޭނީ 6 ޑޮލަރެވެ. ނަމަވެސް މަޖިލީހުން ފާސްކޮށްފައިވަނީ ގްރީން ޓެކްސް ބޮޑުކުރުމަށް ގެންނަ ބަދަލުވެސް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ގެނައުމަށެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ޤާނޫނަށް އިޞްލާހު ހުށައެޅީ އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށެވެ. އެގޮތުން، އެ ޤާނޫނަށް ގެނައުމަށް މަޖިލީހުން ފާސްކުރި އިޞްލާހުގައި ވަނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށާއި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު، ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން 480 ޑޮލަރު ނެގުމަށެވެ.