ޚަބަރު

ޕެންޝަން ސްކީމުން ގެދޮރު ގަތުމަށް ރަހުނުކުރާ ސްކީމް އާންމުކުރަނީ


ޕެންޝަން ފަންޑުގައި ހުރި ފައިސާއިން، ގެދޮރު ގަތުމަށް ރަހުނުކުރުމުގެ ސްކީމްގެ ދަށުން އެކުލަވާލައްވާ ޤަވާޢިދުތައް ނިންމަވައި، މިމަހުގެ ތެރޭގައި ޢާންމުކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވެއްޖެއެވެ.

މި ސްކީމަށް ޝަރުތު ހަމަވާ 550 އަށްވުރެ ގިނަ މެންބަރުން މިހާރުވެސް އެބަތިބިކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ޕެންޝަން ފައިސާއިން ގެދޮރު ގަތުމަށް ރަހުނުކުރުމުގެ ސްކީމަކީ، ޕެންޝަން ފަންޑުގެ މެންބަރުން ގެދޮރުވެރިކުރުވުމަށް، އެ ފަންޑުގައި ހުރި ފައިސާ ޑައުންޕޭމަންޓްގެ ގޮތުގައި ބެހެއްޓުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ތަޢާރަފްކުރައްވާ ސްކީމެކެވެ. ޢާންމުކޮށް ވިއްކާ ގެދޮރާއި ފުލެޓް ގަތުމަށް އެމީހެއްގެ ޕެންޝަން އެކައުންޓުގައިވާ ފައިސާ ގެރެންޓީއެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވުމާއެކު، މިކަމަށް އެކުލަވާލައްވަންޖެހޭ ޤަވާޢިދު މިމަހު ނިންމަވައި، ރަހުނުކުރުމުގެ ސްކީމްގައި ބައިވެރިވާ ބޭންކުތަކާއެކު އެއްބަސްވުމަކަށް އައިސް، އެ ޤަވާޢިދު މިމަހުގެ ތެރޭގައި ޢާންމުކުރެވޭނެކަމަށް ޕެންޝަން އޮފީހުގެ ޑިރެކްޓަރ ސްޓެކްހޯލްޑަރ ރިލޭޝަންސް އިސްމާޢީލް ސުޖާޢު ވިދާޅުވިއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބެއްލެވި ބެއްލެވުމުން، ސޯޝަލް ހައުސިންގ ޔުނިޓެއްގެ އަގު މިހާރު އުޅެނީ 1 މިލިޔަނާއި، 1.5 މިލިޔަނާ ދެމެދުގެ އަގުތަކެއްގައި ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ޕެންޝަން ފަންޑުގައި ހައުސިންގ ސްކީމަށް ޝަރުތު ހަމަވާ ފަސް ސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ތިބިއިރު މިޢަދަދު ކުރިއަށް އޮތް ތާނގައި ވަރަށް ބޮޑުތަން އިތުރުވެގެން ދާނެކަމަށް އެ އޮފީހުން ލަފާކުރައްވައެވެ.

ޕެންޝަން އޮފީހުން މަސައްކަތް ކުރައްވަނީ މި ސްކީމްގެ ދަށުން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު 20 އިންސައްތައަށް ހަމަޖެއްސެވުމަށްކަމަށް ޕެންޝަން އޮފީހުން ހާމަކުރައްވައެވެ. ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ފަންޑަށް މުވައްޒަފުން ފައިސާ ޖަމާކުރަންފެށީ 2009 ވަނަ އަހަރުގައެވެ.