ޚަބަރު

ޕާރމަނެންޓް ސެކްރެޓަރީން އައްޔަންކުރުމުގެ ބާރު މިނިސްޓަރުންނަށް


ޕާރމަނަންޓް ސެކެރެޓްރީގެ މަޤާމަށް މީހުން ޢައްޔަންކުރާނީ އެ މިނިސްޓްރީއެއް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރުގެ ލަފާފުޅާއެކު ކަމަށް ހަމަޖެއްސެވުމަށް ސިވިލް ސާރވިސްގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތައީދުކުރައްވައިފިއެވެ.

މި އިޞްލާޙު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. ސިވިލް ސަރވިސްގެ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ، ޕާމަނަންޓް ސެކްރެޓަރީން ޢައްޔަންކުރައްވަނީ ސިވިލް ސަރވިސް ކޮމިޝަނުންކަމަށެވެ.

މި އިޞްލާޙު ފާސްވެއްޖެނަމަ މިނިސްޓްރީތަކުގައި ތިއްބެވި ޕާމަނަންޓް ސެކެޓްރީން ވަކިކުރެއްވުމުގެ ބާރު މިނިސްޓަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މި އިޞްލާޙަށް ބަޙުސްކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި ބައެއް ޕާމަނަންޓް ސެކެޓްރީން ފަސް ޖެހެމުން ދާކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިވާ ކަމަށް ވިދާޅުވެ ލަޠީފް ހުށައަޅުއްވާފައިވާ އިޞްލާޙަށް ތާއީދުކުރެއްވިއެވެ. ނަމަވެސް އިދިކޮޅު މެމްބަރުން މި އިޞްލާޙަށް ތާއީދުކޮށްފައެއް ނުވެއެވެ.

ޕާމަނަންޓް ސެކެޓްރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާއާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގެވުމާ ބެލެހެއްޓުމެވެ. އެ އިދާރާއެއްގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކެޓްރީންނެވެ.