ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް 28 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅައިފިއެވެ. މި ކަން ރިޕޯޓު ކުރަމުން އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސުން ބުނީ, ޢުދުވާންތައް މެެދުކަނޑައިލަން ހުށަހަޅުއްވާފައި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާ, ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ ވެރިޔާ ވިލިޔަމް ބަރންސް ކަމުގައެވެ. ޣައްޒާ ޢުދުވާން ހުއްޓުވުމަށް މިޞްރާއި ޤަޠަރުން މެދުވެރިންގެ ގޮތުގައި ވިލަރެސް ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ނަމެއްގައި ބައިވެރިވަމުން ދަނީ ބަރންސެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޢުދުވާނުގެ ދަށުން ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫން ވަށައިލާފައެވެ. އެ ރަށްތަކުގައި 100,000އަށްވުރެ ގިނަ މީހުން ތާށިކޮށްލުމަށް ފަހު, ޔަހޫދީ ފައުޖުން ދަނީ އެ މީހުންގެ ގެދޮރަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ.
ޒަޔަނިސްޓު އިސްރާއީލުގެ މަޞްދަރުތަކާ ޙަވާލާދީ އެކްސިޔޮސުން ބުނީ, 28 ދުވަހުގެ މުއްދަތަކަށް ޢުދުވާންތައް މެދުކަނޑައިލަން ބަރންސް ހުށަހަޅުއްވާފައި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން އަށް މީހަކު މިނިވަން ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ. އަދި, އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރުމަށް އޭނާ ހުށަހަޅުއްވާފައިވާ ކަމުގައެވެ. މި ހުށަހެޅުމާ ގުޅޭ ގޮތުން ޒަޔަނިސްޓު ސަރުކާރާއި ޤަޠަރުގެ ވެރިންނާ ބަރންސް މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވެސް އެކްސިޔޮސުން ރިޕޯޓުކުރިއެވެ.
ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ޙަމަލާދީ, އެތަކެއް ހާސް ބަޔަކު ޝަހީދު ކުރަމުން ދަނީ އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރު ބޭނުން ކޮށްގެންނެވެ. އަދި, ޢުދުވާންތައް ހުއްޓުނަ ނުދިނުމުގެ ގޮތުން އެމެރިކާއިން ދަނީ މެދުކެނޑުމެއް ނެތި ޔަހޫދީންނަށް ފަނާކުރަނިވި ހަތިޔާރުތައް ފޯރުކޮށްދެމުންނެވެ.
ބަރންސްގެ އައު ހުށަހެޅުންތައް ހުށަހަޅުއްވާފައި މި ވަނީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ދެ ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލައި, ޔަހޫދީ އަސީރުންގެ ތެރެއިން ހަތަރު މީހަކު މިނިވަން ކުރުމުގެ ފުރުޞަތު ދިނުމަށް މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ވެސް ހުށަހެޅުމެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ސީސީގެ ހުށަހެޅުއްވުމުގެ ދަށުން ވެސް, ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރަން ޖެހޭނެއެވެ. އަދި, 10 ދުވަހަށް ފަހު ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު އަލުން ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
ނަމަވެސް, ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, ސީސީގެ ހުށަހެޅުއްވުން ޔަހޫދީންނަށް ލިބިފައި ނުވާ ކަމުގައެވެ. ނަތަންޔާހޫގެ އޮފީހުން ބުނީ, އެ ފަދަ ހުށަހެޅުމެއް ޤަބޫލު ކުރަން އޭނާ ތައްޔާރަށް ހުރި ކަމުގައެވެ. ނަމަވެސް, ޢުދުވާންތައް މެދުކަނޑައިލައި, ޙަމާސާ އެކު ސުލްޙައިގެ އެއްބަސްބުމެއް އެކުލަވައިލަން އިންކާރު ކުރަމުން ދަނީ ވެސް ނަތަންޔާހޫއެވެ. އަދި, ޙަމާސާއި ޔަހޫދީންނާ ދެމެދު ބާއްވަމުން ދިޔަ މަޝްވަރާތައް މެދުކެނޑިފައި އޮތީ ނަތަންޔާހޫ އެ ކަމަށް ހުރަސް އެޅުމުންނެވެ.
ޣައްޒާ ޢުދުވާންތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅާފައި މި ވަނީ, ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އަންރްވާ)އަށް އިސްރާއީލާއި ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހަރަކާތްތެރިވުން މަނާ ކުރަން ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަންރްވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި, އެއީ އަންރްވާގެ އަގުވައްޓައިލައި, ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެ ޖަމާޢަތުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
ޣައްޒާގެ އިތުރުން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ މުސްލިމުން ޝަހީދު ކުރުމަށް ވެސް ޖަރީމާތަކެއް ހިންގަމުންނެވެ. ލުބްނާގެ ވެރިރަށް ބައިތޫރާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ބޮންއަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައި, ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,020އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 101,110 މީހުން ޒަޚަމު ކޮށްލާފައެވެ.