ޚަބަރު

އުންރުވާ މަނާ ކުރަން ޔަހޫދީން ނިންމައިފި, ޣައްޒާގެ އުތުރުގައި 100,000 މީހުން ހާލުގައި ޖެހިފައި


ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރުވާ)އަށް ޒަޔަނިސްޓު އިސްރާއީލުގައި ހަރަކާތްތެރިވުން މަނާ ކުރަން ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ޔަހޫދީންގެ މި ނިންމުމާ އެކު, ޣައްޒާގައި ހާލުގައި ޖައްސައި ނިކަމެތިކޮށްލާފައިވާ 2.3 މިލިޔަން މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ, ޔަހޫދީންގެ ހުޅަނގުގެ ބައެއް މަދަދުގާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިސްރާއީލުގައި ހަރަކާތްތެރިވުން އުންރުވާއަށް މަނާކުރަން ފާސްކޮށްފައި މި ވަނީ, ޣައްޒާގެ އުތުރުގެ ރަށްތައް ވަށައިލައި, ޔަހޫދީ ފައުޖުން އެ ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު ޤަތުލުޢާންމެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން އެންމެ ނުރައްކާތެރި ޙަމަލާތަކެއް މި ވަގުތު ދެމުން ދަނީ ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫނަށެވެ. އެ ސަރަޙައްދުގައި 100,000އަކަށްވުރެ ގިނަ މީހުން ތާށިކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ އިދާރާތަކުން ހާމަކުރިއެވެ.

އުންރުވާއަށް އިސްރާއީލުގައި ހަރަކާތްތެރިވުން މަނާކޮށްފައި މި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން 2023 އޮކްޓޫބަރު 7ވަނަ ދުވަހު އިސްރާއީލުގެ ރަށްތަކަށް ދިން ޖިހާދީ ޙަމަލާގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށެވެ. ޙަމާސުން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ އެ މީހުންގެ އަޅުވެތިކަމަށް ކެތް ނުކުރެވިގެންނެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދުގެ ދަށުންނެވެ.

އުންރުވާއަށް އިސްރާއީލުުގައި ހަރަކާތްތެރިވުން މަނާ ކުރަން ޔަހޫދީން ފާސް ކުރުމާ ގުޅިގެން އެ އިދާރާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އިތުރުން އދގެ ޗާޓަރާ ވެސް ޚިލާފު ނިންމުމެއް ކަމުގައެވެ. "މިއީ, އުންރުވާގެ އަގުވައްޓައިލުމަށާއި އިންސާނިއްޔަތު ކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް [ޔަހޫދީން] ހިންގަމުންދާ ކެމްޕޭނުގެ ދަށުން އަޅާފައިވާ ފިިޔަވަޅެއް،" ލެޓްޒަރީނީ ވިދާޅުވިއެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ކުއްލި ޙާލަތްތަކާ ބެހޭ އިދާރާއިން ބުނީ, ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ސިފައިން ވަށައިލާފައިވާ ރަށްތަކުގައި 100,000އަށްވުރެ ގިނަ މީހުން ތާށިކޮށްލާފައިވާ ކަމުގައެވެ. އަދި, ފާއިތުވި 25 ވަރަކަށް ދުވަހު އެ ސަރަޙައްދަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 1,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

އޮކްޓޫބަރު 28ވަނަ ދުވަހު އެ ސަރަޙައްދަށް ދީފައިވާ ޙަމަލާތަކުގައި 19 މީހުން ޝަހީދު ކޮށްލާފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ މީހުންނަށް ނުރައްކާތެރި ހާލަތެއް ކުރިމަތި ކުރުވާފައިވާ ކަމުގައި އދން ބުންޏެވެ. ޣައްޒާގެ އޮފިޝަލުން ބުނީ, އެ ސަރަޙައްދުން ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެފައިވާ ކަމުގައެވެ. އަދި, އެ މީހުން ހައިހޫނުގައި ޖެހިފައިވާ ކަމުގައެވެ.

ޣައްޒާގެ އުތުރުގައި ހިންގަމުންދާ ޢުދުވާންތައް ޔަހޫދީ ފައުޖުން ފުޅާކުރަމުން މި ދަނީ, ޢުދުވާންތަކަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޤަޠަރުގެ ވެރިރަށް ދަވްޙާގައި އަލުން މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ. އަދި, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. މަޝްވަރާތައް ހުއްޓިފައި އޮތީ, އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަމަށް ހުރަސް އަޅަމުންދާތީއެވެ.

ދަވްޙާގައި ފަށާފައިވާ މަޝްވަރާތަކުގެ ބޭނުމަކީ, ޢުދުވާންތައް ދެ ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ހުށަހަޅުއްވާފައިވާ ހުށަހެޅުމާ މެދު ވާހަކަ ދެއްކުމެވެ. ސީސީ ވިދާޅުވީ, ކުރު މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ މަޤުޞަދަކީ, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ހަތަރު މީހުން މިނިވަން ކުރުމުގެ ފުރުޞަތު ދިނުން ކަމުގައެވެ. އަދި, އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ ބައެއް ރައްޔިތުން ދޫކޮށްލުމަށް ބާރުއެޅުން ކަމުގައެވެ. ސީސީ ހުށަހަޅުއްވާފައި ވަނީ, ދެ ދުވަހުގެ މުއްދަތަކަށް ޢުދުވާންތައް މެދުކަނޑައިލުމަށް ފަހު, 10 ދުވަސް ފަހުން ދެ ފަރާތުގެ ދެމެދުގައި އަލުން ސުލްޙައިގެ މަޝްވަރާތައް ފެށުމަށެވެ.

ޣައްޒާގެ އިތުރުން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ މުސްލިމުން ޝަހީދު ކުރުމަށް ވެސް ޖަރީމާތަކެއް ހިންގަމުންނެވެ. ލުބްނާގެ ވެރިރަށް ބައިތޫރާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ބޮންއަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައި, ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,020އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 101,110 މީހުން ޒަޚަމު ކޮށްލާފައެވެ.