ކުޅިވަރު

ޔޫކްރެއިންގެ މައްޗަށް ކުރިހޯދައި ޖަރުމަނުން ފެށުން ރަނގަޅުކޮށްފި


މެޗްގެ ފަހުވަގުތު ބަސްޓިއަން ޝްވަންސްޓައިގާގެ ހިތްގައިމު ލަނޑަކާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެށުން ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުވިލާތުން ރަނގަޅުކޮށްފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ޖަރުމަނުވިލާތާއި ޔޫކްރެއިން ބައްދަލުކުރި މެޗް ޖަރުމަނުވިލާތް ކާމިޔާބުކުރީ 2 ލަނޑުން 0 ލަނޑުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރ މުސްތާފީއެވެ. މެޗްގެ އިތުރުވަގުތުގައި 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ ބަސްޓިއަން ޝްވަންސްޓައިގާއެވެ.

މިއީ 2011 ވަނަ އަހަރުގެ ފަހުން ޝްވަންސްޓައިގާ ޖަރުމަނުވިލާތަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ޖަރުމަނުން އުފެއްދި ގިނަ ޙަމަލާތައް ދިފާޢު ކުރުމުގައި ޔޫކްރެއިންގެ ގޯލް ކީޕަރ ޕަޔަޓޯވް ކުރި މަސައްކަތެވެ. ހަމައެހެންމެ ޖަރުމަނު ޑިފެންޑަރ ބޮއެޓެންގް މިމެޗްގައިވަނީ ޖަރުމަނުގެ ފަހަތުގައި މޮޅު ކުޅުމެއް ދަކައި ގިނަ ބޯޅަތަކެއް ދިފާޢުކޮށްފައެވެ.

މިގްރޫޕްގައި ޖަރުމަނުވިލާތް ދެން ނިކުންނާނީ ގްރޫޕްގެ ފުރަތަމަ މެޗް ކާމިޔާބުކުރި ޕޮލެންޑާ ދެކޮޅަށެވެ. ޔޫކްރެއިން ނިކުންނާނީ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ.