ޚަބަރު

ޖޯޖިޔާގެ ޢާންމު އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ތުހުމަތުކޮށް މުޒާހަރާއަށް ގޮވައިލައިފި


އޮކްޓޫބަރު 27ވަނަ ދުވަހު ޖޯޖިޔާގައި ބޭއްވި ޢާންމު އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ވިދާޅުވެ, އެ ނަތީޖާއާ ދެކޮޅު ހެދުމުގެ ގޮތުން ވެރިރަށް ތިބިލިސީގައި މުޒާހަރާ ކުރުމަށް ރައީސް ސަލޮމޭ ޒުރަބިޝްވިރީ ގޮވައިލައްވައިފިއެވެ. ޖޯޖިޔާގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނީ, ހޮނިހިރު ދުވަހު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ވެރިކަން ކުރާ ޖޯޖިޔަން ޑްރީމް ޕާޓީން ކަމުގައެވެ. އަދި, ވޯޓުލީ މީހުންގެ ތެރެއިން %54 މީހުންގެ ތާޢީދު އެ ޕާޓީއަށް ލިބިފައިވާ ކަމުގައެވެ.

ޖޯޖިޔާގައި ޢާންމު އިންތިޚާބު ބާއްވާފައި މި ވަނީ, ހުޅަނގާއި ރަޝިޔާއިން އެ ޤައުމަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ވެރިކަން ކުރާ ޖޯޖިޔަން ޑްރީމް ޕާޓީއަކީ ރަޝިޔާއާ ގާތް ގުޅުންތަކެއް ބާއްވަމުންދާ ޕާޓީއެކެވެ. މިއީ, އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ގަޔާވާ ކަމެއް ނޫނެވެ. އަދި, ރުހޭ ގުޅުމެއް ނޫނެވެ. ހޮނިހިރު ދުވަހުުގެ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ހުޅަނގުގެ ބާރުތަކުން ވަނީ ގޮވައިލާފައެވެ.

އިންތިޚާބުގައި ޖޯޖިޔަން ޑްރީމް ޕާޓީން ހޯދި ކާމިޔާބީއަކީ, އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ވިލާތުގެ އިއްތިހާދު (އީޔޫ)އަށް ތާޢީދު ކުރާ މީހުންނަށް ލިބުނު ވެއްޓުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އިންތިޚާބުުގައި ވެރިކަން ކުރާ ޕާޓީއާ ދެކޮޅަށް ވޯޓުލާފައިވާ މީހުންނަކީ, ޖޯޖިޔާއިން އީޔޫގެ މެންބަރުކަން ހޯދުމަށް ތާޢީދު ކުރާ މީހުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިންތިޚާބުގައި ޖޯޖިޔަން ޑްރީމް ޕާޓީން ހޯދާފައިވާ ކާމިޔާބީ ބަލައިނުގަތުމަށް, އިންތިޚާބުގައި ވާދަކުރި އިދިކޮޅު ހަތަރު ޕާޓީން ވެސް ވަނީ ނިންމާފައެވެ. އަދި, އެ ޕާޓީތަކަށް ޤާނޫނު ހަދާ މަޖިލީހުން ގޮނޑި ކާމިޔާބު ކުރެވިފައިވީ ނަމަވެސް, މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓު ކުރާނެ ކަމަށް ބުނެ, އެ ޕާޓީތަކުން ވަނީ އިންޒާރު ދީފައެވެ. ޖޯޖިޔަން ޑްރީމް ޕާޓީއަށް ލިބުނު ކާމިިޔާބީއާ ދެކޮޅު ހައްދަވަމުން ގެންދަވާ އެއް ބޭފުޅަކީ ރައީސް ޒުރަބިޝްވިރީއެވެ. އޭނާއަކީ, ކުރިން އެ ޕާޓީއަށް ތާޢީދު ކުރެއްވި ބޭފުޅެކެވެ.

ޖޯޖިޔާގެ ޢާންމު އިންތިޚާބުގެ ކަންކަން މޮނިޓަރު ކުރި ވިލާތުގެ އޮގައިޒޭޝަން ފޯ ސެކިޔުރިޓީ އެންޑް ކޯޕޮރޭޝަނުން ބުނީ, ވޯޓު ގަނެވިއްކުމާއި, ވޯޓުލާ މީހުންނަށް ބިރު ދެއްކުމާއި, ވޯޓު ފޮށިތަކަށް ޞައްޙަ ނޫން ވޯޓު ކަރުދާސް އަޅާފައިވާ ކަމުގެ ތުހުމަތުތައް ކުރެވޭ ކަމުގައެވެ. އަދި, އެ ކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, ޖޯޖިޔަން ޑްރީމް ޕާޓީން އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ސީދާކޮށް ތުހުމަތު ކޮށްފައެއް ނެތެވެ.

ރަމްޒީ މަޤާމެއް ކަމުގައިވާ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ޒުރަބިޝްވިރީ ވިދާޅުވީ, އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާ ހުރިހާ އެންމެން, އެ ކަމާ ދެކޮޅަށް އަޑުއުފުލަން ވެރިރަށް ތިބިލިސީއަށް އެއްވާން ޖެހޭ ކަމުގައެވެ. އަދި, ނަތީޖާ ޤާބޫލު ނުކުރާ ކަން މުޅި ދުނިޔެއަށް ހާމަކޮށްދޭން ޖެހޭ ކަމުގައެވެ. އަދި, އިންތިޚާބުގެ ނަތީޖާއަކީ ރަޝިޔާއިން ހިންގާފައިވާ "ޚާއްޞަ އޮޕަރޭޝަނެއް"ގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

އިންތިޚާބުގެ ނަތީޖާއަށް ރަޝިޔާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރައްވަންތޯ ސުވާލު ކުރުމުން އޭނާ އެ ކަމާ އިންކާރު ކުރެއްވިއެވެ. ނަމަވެސް, އިންތިޚާބު ބާއްވާފައިވާ ގޮތާއި, ރަޝިޔާގެ ޖާސޫސީ އިދާރާ, ފެޑެރަލް ސެކިޔުރިޓީ ސަރވިސް (އެފްއެސްބީ)އާ ގުޅުމެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ރަޝިޔާއިން ވަނީ ޒުރަބިޝްވިރީގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި, ޖޯޖިޔާގެ އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގައި ބުނެފައެވެ.

"އެ ތުހުމަތުތަކަށް އެންމެ ހަރުކަށިކޮށް އިންކާރު ކުރަން - ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ, އެއީ މިހާރު ގިނަ ޤައުމުތަކެއްގައި އާދަޔަކަށް ހަދައިފި. ކުޑަ ކަމެއް ގޯސްވި ނަމަވެސް, އެ ކަމެއްގެ ޒިންމާ އަޅުވާނީ ރަޝިޔާގެ ނުފޫޒުގެ މައްޗަށް. އަޅުގަނޑުމެން އެއްވެސް ގޮތަކުން ނުފޫޒެއް ނުފޯރުވަން, އަދި އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު," ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިންގެ ތަރުޖަމާނު ދްމީތުރީ ޕިސްކޯފް ވިދާޅުވިއެވެ. އަދި, ޖޯޖިޔާގައި ބޭއްވި އިންތިޚާބުގެ ނަތީޖާއަކީ އެ ޤައުމުގެ ރައްޔިތުންގެ ނިންމުން ކަމުގައި ވިދާޅުވެ, ހުޅަނގުން އެ ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުުން ނަގައިލަން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.