ކުޅިވަރު

ޕޮލެންޑުން ނޮދަން އަޔަލެންޑުގެ މައްޗަށް ކުރި ހޯދައިފި


އައެކްސްގެ ތަރި އަރްކަންދިއުސްގެ ލަނޑާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެށުން ޕޮލެންޑުން ރަނގަޅުކޮށްފިއެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗްގައި ނޮދަން އަޔަލެންޑާ ވާދަކޮށް ޕޮލެންޑް މެޗްކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

އަރްކަންދިއުސްގެ ލަނޑާއެކު އޭނާ ވެފައިވަނީ ޕޮލެންޑްގެ ތާރީޚްގައި ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ޤައުމީ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ފުރަތަމަ ހާފްގައި މެޗް ކޮންޓްރޯލްކޮށް މޮޅަށް ކުޅުނީވެސް ޕޮލެންޑުންނެވެ.

ނަމަވެސް ދެވަނަ ހާފްގައި ނޮދަން އަޔަލެންޑުންވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ.

މުބާރާތުގައި ޕޮލެންޑް ކުޅެންޖެހޭ ދެވަނަ މެޗްގައި އެޓީމް ނިކުންނާނީ ޖަރުމަނުވިލާތާ ދެކޮޅަށެވެ. ނޮދަން އަޔަލެންޑް ނިކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ.