ދީން

ރަމަޟާން މަހަކީ ހެޔޮ ގޮތްތައް ދަސްކޮށްދޭ މަހެއް


ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ މުޖުތަމައުގެ ތެރޭގައި އުޅޭ ކިތަންމެ ދެރަ ނިކަމެތި މީހަކީވެސް އިންސާނެއްކަމަށް ދެކިގެން އޭނާއާއި ހެޔޮގޮތުގައި މުއާމަލާތުކުރަން ދަސްކުރުމާއެކު، ގޯނާނުކޮށް އޯގާތެރިކަމާއި ހަމްދަރުދީގެ އަތެއް ދިއްކޮއްލުން ފަދަ ކަންކަން ހަނދާކޮށްދޭ މަހެއްގެ ގޮތުގައިކަމަށް ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޝެއިޙް މިހެން ވިދާޅުވީ، "ރަމަޟާން މަސް ބަދަހިކަމާއި، ތަގުވާގެ ފޯވަހި" މިނަމުގައި ރޭ ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ބޭއްވި މި ރޯދަމަހުގެ ދެވަނަ އިޙްޔާ ފޯރަމްގައި 2 ޝެއިޚަކު ވަނީ "ރަމަޟާން މަސް ބަދަހިކަމާއި، ތަގުވާގެ ފޯވަހި" މި މައުޟޫއަށް އަލިއަޅުއްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ﷲ ގެ ހަޟުރަތައް ކުއްތަންވެ، އިންސާނާއާއި، ﷲ ސުބުހާނަހޫ ވަތައާލާއާއި، ދެމެދު އޮން ގުޅުން ވަރުގަދަ ކުރުމާއި، ދުނިޔޭގައި އުޅޭ އިރު އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މައްޗަށް ދެ ޝެއިޚަކުވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރަމަޟާން މަހަކީ ތަޤުވާގެ މައްސަރުކަން ފާހަގަކުރައްވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ، ރަމަޟާން މަސް ބަދަހިކަމާއި ތަޤުވާގެ މައްސަރަކަށް ވެގެންދަނީ، ރޯދައިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ، އަޅުގަނޑުމެން އިންސާނުންގެ ހަމަހަމަކަން ކަމަށްވީއިރު، ކިތަންމެ ދެރަ ނިކަމެތި މީހަކީވެސް އިންސާނެއް ކަމަށް ދެކެން ޖެހޭކަމަށެވެ.

ބެލުންތެރިންނާއި އެހުންތެރިންނަށްވެސް  އެސް.އެމް އެސް މެދުވެރިކޮށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށްގެންދާ މިފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޝައިޚް މޫސާއަންވަރު ވަނީ ރަމަޟާން މަހަކީ، އަހަރުގެ ތެރެއިން އަންނަ އެންމެ ހުރުމަތްތެރިވެގެންވާ 4 މަހުގެ ތެރެއިންވެސް މަތިވެރިކުރައްވާފައިވާ މަހެއްކަން ފާހަގަކުރައްވައި، ރޯދަ މަހުގެ އިންސާނާގެ އަމަލުތަށް ހުންނަވީ ގޮތް ހިއްސާކުރައްވާފައެވެ.

އަންހެން ބޭކަނބަލުން ގޭގައި ތަރާވީސް ނަމާދު ކުރުމާއި ގުޅޭގޮތުން އެސް.އެމް.އެސް މެދުވެރިކޮށް ލިބުނު ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް މޫސާއަންވަރު ވިދާޅުވީ، އަންހެން ބޭފުޅުންނަށް އެންމެ އެދެވިގެންވާ ގޮތަކީ ގޭގައި ނަމާދުކުރުންކަން ކީރިތިރަސޫލާ މުޙަމަދު ސައްލައް ﷲ އަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުން އެނގޭކަމަށާއި، ނަމަވެސް މިސްކިތްތަކުގައި ރަނގަޅު މާހައުލެއްވާނަމަ، ކަންދެއްކުން ނެތްގޮތަށް މިސްކިތްތަކަށް ދިއުމުގައި ގޯހެއް ނެތްކަމަށެވެ.

މީގެ އިތުރުން ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ޝެއިޚުން ވަނީ ރޯދައަށް ނިޔަތް ގަތުމުގެ މުހިންމުކަމާއި، ރޯދައަށްހުރެ ނުބައިކަންކަމުން ދުރުހެލިވެ ތިބުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. މި އިޙްޔާ ފޯރަމަށް ހާޒިރުވި އާންމުންގެ މެދުގައި ނެގި ގުރުއަތުން 3 އަންހެން ބޭފުޅުންނާއި 3 ފިރިހެން ބޭފުޅަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވަނީ ފައިސާގެ އިނާމާއި މުހިންމު ފޮތްތަކެއް ހަދިޔާގެ ގޮތުގައި ދެއްވާފައިވެއެވެ.