ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޣައްޒާ ޢުދުވާން ކުރު މުއްދަތަކަށް މެދުކަނޑައިލަން މިޞްރުން ހުށަހަޅައިފިއެވެ. ޙަމާސާއި ޔަހޫދީންނަށް އެ ކަން ހުށަހަޅުއްވާފައިވާ ކަން މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ހާމަ ކުރައްވާފައި ވަނީ, ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ތެރެއިން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި 53 މީހުން ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
ޣައްޒާ ޢުދުވާން ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ މަޝްވަރާތައް ވިލަރެސްކޮށް, މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން ދަނީ މިޞްރާއި ޤަޠަރުންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނިރުބަވެރި އަމަލުތަކާ ގުޅިގެން މަޝްވަރާތަކަށް މި ވަގުތު އޮތީ ހުރަސް އެޅިފައެވެ. ޣުދުވާންތައް ނިމުމަކަށް ގެނައުމުގެ އެއްވެސް ނިޔަތެއް ނެތް ކަން އޭނާގެ އަމަލުތަކާއި ބަސްތަކުން ސާބިތުވެއެވެ.
އަލްޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތަބޫނާ އެކު މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު ވާހަކަ ދައްކަވަމުން ސީސީ ވިދާޅުވީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދެ ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް ޔަހޫދީންނަށް ހުށަހަޅާފައިވާނެ ކަމުގައެވެ. އަދި, މަޤްޞަދަކީ, ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން ހަތަރު މީހުން މިނިވަން ކުރުމުގެ ފުރުޞަތުދީ, އެ މީހުންގެ ބަދަލުގައި, ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ދޫކޮށްލުމަށް ބާރުއެޅުން ކަމުގައެވެ. ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް ފަހު, އޭގެ 10 ދުވަސް ފަހުން ދެ ފަރާތުގެ ދެމެދުގައި އަލުން މަޝްވަރާތައް ފެށުމަށް ގޮވައިލައްވާފައިވާނެ ކަމުގައި ވެސް ސީސީ ވިދާޅުވިއެވެ.
އެ ގޮވައިލުމަށް ޙަމާސާއި ޔަހޫދީންގެ ފަރާތުން އަދި އެއްވެސް ޖަވާބެއް ދީފައެއް ނެތެވެ. ނަމަވެސް, މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ ފަލަސްޠީނުގެ މަސްދަރަކުން ބުނީ, ޙަމާސުން ސީސީގެ ހުށަހެޅުން ބަލައިގަންނާނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން ޙަމާސުން އެއްބަސްވި ނަމަވެސް, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ދެމެހެއްޓެނި ގޮތެއްގައި ނިމުމެއް ގެނައުމުގެ ޝަރުޠު ޙަމާސުން ބަދަލު ނުކުރާނެ ކަމުގައި ވެސް ނަން ހާމަކޮށްފައި ނުވާ އެ އޮފިޝަލު ބުންޏެވެ.
މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ އެހެން މަސްދަރަކުން ބުނީ, ޤަޠަރުގެ ވެރިރަށް ދަވްޙާގައި ދެ ފަރާތުގެ މެދުގައި އަލުން ވާހަކަތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, އެ މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކަށް ވާނީ, ކުރު މުއްދަތަކަށް ޢުދުވާންތައް މެދުކަނޑައިލައި, ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމުގައެވެ. ޣައްޒާ ޢުދުވާނަށް ނިމުމެއް ގެނައުމަށް މިޞްރާއި ޤަޠަރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ ޢުދުވާނީ ޙަމަލާތައް އިތުރު ކުރަމުންނެވެ.
ޔަހޫދީ ފައުޖުގެ އެންމެ ނުރައްކާތެރި ޙަމަލާތައް މި ވަގުތު އަމާޒު ކުރަމުން ދަނީ ޣައްޒާގެ އުތުރުގެ ރަށްތަކަށެވެ. ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ އިތުރުން ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫނަށެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 53 މީހުން ޝަހީދު ކޮށްލާފައިވާއިރު, އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ މި ޖަރީމާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ތާށިކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ރައްޔިތުންނަށް ޔަހޫދީ ފައުޖުން ޖައްސާފައި ވަނީ "ކެތްނުކުރެވޭ ފަދަ" ހާލަތެއް ކަމަށާއި, އެއީ އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއް ކަމުގައެވެ.
"ޝަހީދު ކުރަމުންދާ އަދި ޒަޚަމު ކޮށްލަމުންދާ މީހުންގެ އަދަދާއި, އުތުރުގައި [ޢުމްރާނީ ވަސީލަތްތަކަށް ދެމުންދާ] ގެއްލުމާއި, ބަލި މީހުންގެ އިތުރުން ފުރާނަ ސަލާމަތް ކުރަން ޞިއްޙީ ފަރުވާއަށް ޖެހިފައިވާ މީހުންނާއި, ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ނެތް ޢާއިލާތަކާއި, ގިނަ އަދަދެއްގެ ބަޔަކު [ޢާއިލާތަކާ] ވަކިކޮށް ހައްޔަރު ކުރަމުންދާ ކަމީ ސެކްރެޓަރީ-ޖެނެރަލް [އެންޓޯނިޔޯ ގުތެރޭޝް] ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަންކަން," ދުރަޖީކް ވިދާޅުވިއެވެ.
ޖަބާލިޔާއަަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެންމެ ފަހުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި 20 މީހުން ޝަހީދު ކޮށްލައި, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. ޙަމަލާ ދީފައި ވަނީ ގެދޮރު ނެތިކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ އިމާރާތަކަށެވެ. އަދި, ޣައްޒާ ސިޓީގެ އަލް-ޝާޠިއު ރެފިއުޖީ ކޭމްޕުގައި ހުރި މަދަރުސާއަކަށް ބޮންއަޅައި, 11 މީހުން ޝަހީދުކޮށްލައި, 20 މީހުން ޒަޚަމު ކޮށްލިއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ ހާލު ސީރިޔަސް ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,924އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 100,833 މީހުން ޒަޚަމު ކޮށްލާފައެވެ.