ޚަބަރު

އެއްގަމު އުޅަނދަކުން ޖައްސައި ޒަޔަނިސްޓުންގެ ވެރިރަށުގައި 40 މީހުން ޒަޚަމްވެއްޖެ


ޒަޔަނިސްޓު ދައުލަތުގެ ވެރިރަށް ތެލް އަވީވުގައި ގިނަ އަދަދެއްގެ ބަޔަކު މަޑުކޮށްގެން ތިބި ބަސް ސްޓޮޕެއްގައި އެއްގަމު އުޅަނދަކުން ޖައްސައި އެކަކު މަރައިލައިފިއެވެ. ބާރު ދުވެލީގައި ދުއްވާފައި ދިޔަ ޓްރަކެއް, ބަސް ސްޓޮޕުގައި ޖެއްސި ހާދިސާގައި އިތުރު 40 އެއްހާ މީހުންނަށް އަނިޔާވިއެވެ. އެއީ ނިރުބަވެރި ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް, ޔަހޫދީ ފުލުހުން ބުނީ ގިނަ އަދަދެއްގެ ބަޔަކަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމުގައެވެ.

ތެލް އަވީވުގެ ހަސްފަތާލަކުން ބުނީ, އަނިޔާވެގެން ފަރުވާ ދޭން ޖެހުނު މީހުންގެ ތެރޭގައި ޢާންމުންގެ އަށް މީހުންނާއި ޔަހޫދީ ފައުޖުގެ ގިނަ އަދަދެއްގެ ސިފައިން ހިމެނޭ ކަމުގައެވެ. ޓްރަކަކުން ޖައްސާފައިވާ ބަސް ސްޓޮޕަކީ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒެއް ކައިރީގައި ހުންނަ ބަސް ސްޓޮޕެކެވެ. އެ ޙަމަލާ ދީފައި ވަނީ ޔަހޫދީއެއް ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެ ސަރަޙައްދުގައި ތިބި ޢާންމުން ވަނީ, އުޅަނދު ދުއްވަން އިން މީހާއަށް ބަޑީގެ ޙަމަލާތަކެއްދީ, އޭނާ މަރައިލާފައެވެ.

ތެލް އަވީވުގައި ޙަމަލާއެއް ދީފައި ވަނީ, ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު މުޒާހަރާކޮށް, އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އަދި, އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ. ނަތަންޔާހޫއާ ދެކޮޅަށް ޔަހޫދީ ޢާންމުން ތެދުވެފައި ވަނީ, އޭނާގެ އަމުރަށް ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި, ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އޭނާ ހަރުދަނާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެއެވެ.

ޙަމާސުން ޔަހޫދީންގެ 250އެއްހާ މީހުން ރަހީނު ކޮށްފައި ވަނީ 2023 އޮކްޓޫބަރު 7ވަނަ ދުވަހު އިސްރާއީލުގެ ރަށްތަކަށް ދިން ޖިހާދީ ޙަމަލާއަކަށް ފަހުއެވެ. އެއީ, ޔަހޫދީންގެ އަޅުވެތިކަމަށް ކެތް ނުކުރެވިގެން ދީފައިވާ ޙަމަލާއެކެވެ. އަދި, މިނިވަން ކަމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގެ ދަށުން ދީފައިވާ ޙަމަލާއެކެވެ.

ޙަމާސް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޣައްޒާގެ ހުރިހާ ރަށްތަކެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮންއަޅައި, ބިމާ ހަމަކޮށްލާފައެވެ. އަދި, ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން ވަނީ ހާލުގައި ޖައްސައި, ނިކަމެތި ކޮށްލާފައެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި ސާފު ބޯފެނުގެ އިތުރުން އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. އަދި, ބޭސްފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ހުސްވެ, ޣައްޒާގެ ހަސްފަތާލުތަކުގައި ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ނެތެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މި ވަގުތު އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ ޣައްޒާގެ އުތުރުގެ ރަށްތަކަށެވެ. އެ ސަރަޙައްދު ވަނީ ޣައްޒާގެ އެހެން ސަރަޙައްދުތަކާ ވަކިކޮށްލާފައެވެ. އަދި, އެ ސަރަޙައްދުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ތާށިކޮށްލާފައިވާ ކަން އދން ހާމަކުރިއެވެ. ބަންދުކޮށް ނިރުބަވެރި ޙަމަލާތައް ދެމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި އެ ސަރަޙައްދުގައި އޮންނަ ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫން ހިމެނެއެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ޤަތުލުޢާންމުތަކުގައި 53 މީހުން ޝަހީދު ކޮށްލިއެވެ. ފާއިތުވި ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 800އަށް އުފުލިފައެވެ.

އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ދަޔިރް އަލް-ބަލަޙުގައި ހުންނަ މަދަރުސާއަކަށެވެ. ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މަދަރުސާއަށް ދިން ޙަމަލާތަކުގައި 11 މީހުން ޝަހީދު ކޮށްލައި, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. އަލް-ޝާޠިއު ރެފިއުޖީ ކޭމްޕުގެ މެދުތެރޭގައި ހުރި މަދަރުސާއަށް ބޮންއަޅައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އަށް އަހަރުގެ ޒަޔިން އަލް-ޣޫލީ ހިމެނެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޣައްޒާގެ އުތުރުގެ ރަށްތަކަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެ ސަރަޙައްދުގައި ހިންގަމުންދާ ޤަތުލުޢާންމުގައި "ހައިރާންކުރަނިވި" އަދަދެއްގެ މީހުން ޝަހީދު ކޮށްލައިވާ ކަމަށާއި, ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ އުތުރުގައި ތާށިކޮށްލާފައިވާ މީހުންގެ ކެކުޅުންތަކަކީ ކެތްކުރެވޭނެ ފަދަ ކަމެއް ނޫން," ގުތެރޭޝްގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,924އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 100,833 މީހުން ޒަޚަމު ކޮށްލާފައެވެ.