ޚަބަރު

ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން ޤުރުއާން މުބާރާތެއް ފަށައިފި


ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ.

ތިނަދޫގެ ހުރިހާ ސްކޫލުތަކާއި ބައެއް ޤުރުއާން ކުލާސްތަކުން ދަރިވަރުން ބައިވެރިވާ މި މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް އެ ފައުންޑޭޝަނުންވަނީ އުމްރާ ދަތުރެއް ހުށައަޅާފައެވެ. މި މުބާރާތް މިއަދުން ފެށިގެން މިމަހުގެ ފަނަރައިގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ގދ. ތިނަދޫގައި ގިނަ އަހަރުތަކެއް ވަންދެން ކީރިތި ޤުރުއާން ކިޔަވައިދެއްވި އެދުރެއް ކަމުގައިވާ އަލްމަރުޙޫމް އަޙްމަދު ޙުސައިންގެ ހަނދާނުގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ ފުރަތަމަ މުބާރާތަކީ، ތިނަދޫގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ތަޖުވީދުމަގުން ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި 7 އުމުރުފުރާއަކުން ބަލައިގެން ކިޔެވެމާއި ނުބަލައި ކިޔެވުމުގެ ގޮފިން 237 ދަރިވަރަކު ބައިވެރިވެއެވެ.

މި މުބާރާތުގައި ތިނަދޫގެ 3 ސްކޫލާއި ބައެއް ޤުރުއާން ކުލާސްތަކުގެ އިތުރުން އަމިއްލަ ގޮތުންވެސް މީހުން ބައިވެރިވެފައިވެއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ތިނަދޫ އަބޫބަކުރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްސް، އަސަދުއްﷲ ޝާފިޢީވަނީ، ނަމާދު ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގައި ގިނަ އަދަދަކަށް ކީރިތި ޤުރުއާން ހިތުދަސް މީހުން ތިބި ނަމަވެސް މިސްކިތްތަކުގައި ތަރާވީސް ނަމާދުކުރަން ރާއްޖެއިން ބޭރުން އިމާމުން ގެންނަން ޖެހުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން، ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުގެ ނާއިބު ރައީސް އަޙްމަދު ޙަބީބުވަނީ، އަލްމަރުޙޫމް އަޙުމަދު ޙުސައިންގެ ހަނދާނުގައި ބާއްވާ މި މުބާރާތަކީ ތިނަދޫގެ ދަރިވަރުން ޤުރުއާން ކިޔެވުމަށްދޭ ސަމާލުކަން އިތުރުކުރުމަށް ބާއްވާ މުބާރާތެއްކަމުގައި ފާހަގަކޮށްފައެވެ. އަދި، އޭނާގެ ވާހަކައިގައި ތިނަދޫގައި މިހާރު އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒު ގާއިމްވެގެން ދިޔުމުން މިފަދަ ޤުރުއާން މުބާރާތްތައް ބާއްވަން އިތުރަށް ފަސޭހަވެގެން ދާނެކަން ފާހަގަކުރިއެވެ.

އަލްމަރުޙޫމް އަޙްމަދު ޙުސައިންގެ ހަނދާނުގައި ބާއްވާ މި މުބާރާތުގެ އެއްވަނަ އިނާމަކަށް އުމްރާ ދަތުރެއް ހުށައަޅާފައިވާއިރު، މި އަހަރުން ފެށިގެން ސިލްސިލާކޮށް މި މުބާރާތް ބާއްވާނެކަމަށް ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ.