ޔޫކްރެއިންގެ އިރުމަތީގައި އޮންނަ މުހިންމު ރަށެއް ކަމުގައިވާ ޕޯކްރޮވްސްކް ކައިރީގައި އޮތް ބައެއް ސަރަޙައްދުތައް ރަޝިޔާގެ ފައުޖުތަކުގެ އަތްދަށަށް ގެންގޮސްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ޚަބަރުތައް ރިޕޯޓު ކުރާ ދެ ޤައުމުގެ ބްލޮގަރުންނެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.
ޑީޕްސްޓޭޓްގެ ނަން ދީފައިވާ ޓެލްގްރާމް ޗެނަލެއްގައި ބްލޮގަރުން ރިޕޯޓު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު, ރަޝިޔާގެ ފައުޖުން މިހާރު ވަނީ ޕޯކްރޮވްސްކް ކައިރީގައި އޮތް ރަށެއް ކަމުގައިވާ ސެލީދޮވޭއަށް ވަދެފައެވެ. އަދި, އެ ރަށުގެ އިރުދެކުނުގެ ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދުގެ ތެރެއިން އެއް ސަރަޙައްދު ކަމުގައިވާ ދޮންޏެސްކުގެ ރަށެއް ކަމުގައިވާ ސެލީދޮވޭއަކީ ބޯޓުދެލި ނަގާ ގިނަ އަދަދެއްގެ މައިންތަކެއް އޮންނަ ރަށެކެވެ.
ޕޯކްރޮވްސް އޮންނަކީ ސެލީދޮވޭގެ ހުޅަނގުއުތުރުގައި 20 ކިލޯމީޓަރު ދުރުގައެވެ. ޔޫކްރެއިންގެ ބޮލްގަރުން ބުނީ, ސެލީދޮވޭއަށް ފަހު ރަޝިޔާގެ ފައުޖުތަކުން ޕޯކްރޮވްސްކަށް އަތްގަދަ ކުރަން ފަށާފައިވާ ހަނގުރާމަ އިތުރަށް ވަރުގަދަކޮށް, ފުޅާކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ. ޕޯކްރޮވްސަކީ އެ ސަރަޙައްދުގައި އޮންނަ ދަތުރުފަތުރުގެ މައި މަރުކަޒެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ ރަށަށް ރަޝިޔާ ސިފައިން އަތްގަދަ ކުރުމަކީ, ހަނގުރާމައިގައި ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ސެލީދޮވޭގެ ބޮޑު ސަރަޙައްދަކަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާ ކަމުގައި ރަޝިޔާގެ ބްލޮގަރުން ވެސް ރިޕޯޓުކޮށްފައިވެއެވެ. ރަޝިޔާގެ ބްލޮގަރުން މަޢުލޫމާތު ފަތުރަން ބޭނުން ކުރާ ޓެލެގްރާމް ޗެނަލެއް ކަމުގައި ޝޮޓްގައި ބުނެފައިވާ ގޮތުން, ސެލީދޮވޭގެ %80 ސަރަޙައްދެއް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައެވެ.
ދޮންޏެސްކުގައި ހުރި ރަޝިޔާގެ އިދާރީ އިސްވެރިޔާ ދިނިސް ޕުޝިލިން ބުނީ ސެލީދޮވޭގެ ދެކުނުން 14 ކިލޯމީޓަރު ދުރުގައި އޮތް ހިރްނިކަށް ވެސް ރަޝިޔާގެ ސިފައިން ވަދެ, އެ ރަށް ހިފާފައިވާ ކަމުގައެވެ. މީގެ އިތުރުން, ހިރްނިކްގެ ހުޅަނގު ދެކުނުގައި އޮތް ރަށެއް ކަމުގައިވާ ކުރާޚޮވޭއަށް ވެސް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ބްލޮގަރުން ރިޕޯޓު ކުރިއެވެ.
އެ ރަށްތަކަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާ ކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް, ޕޯކްރޮވްސް ދިފާޢު ކުރަން ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުންޏެވެ. އަދި, ހަނގުރާމައިގެ ކުރީ ސަފުގެ އިތުރުން ޕޯކްރޮވްސްކަށް އަރައިގަތުމަށް ރަޝިޔާގެ ސިފައިން ދިން 36 ޙަމަލާއެއް ދިފާޢު ކޮށްފައިވާނެ ކަމުގައި ވެސް ޔޫކްރެއިނުން ހާމަކުރިއެވެ.
މި ހަނގުރާމައިގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުން %18 ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ދޮންޏެސްކުގެ އިތުރުން ދޮންބާސްގައި އޮންނަ ލުހާންސްކްގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. އަދި, ދެކުނުގައިވާ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެވެ. ރަޝިޔާގެ ފައުޖުތަކަށް ރައްދު ދިނުމުގެ ގޮތުން އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެ, އެ ސަރަޙައްދުގައިވާ އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ކޫރްސްކުގައި ތިބި ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖެއްސުމަށް ރަޝިޔާގެ ސިފައިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވިފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.