ޚަބަރު

އެންމެ އަލިގަދަ ތަރީގެ ގަދަ 12 ބައިވެރިންގެ ހުނަރު ތަރައްޤީކުރަނީ


ރާއްޖޭގައި ގެނެސްދެވޭ އެންމެ އަގުބޮޑު ޓީވީ ޕްރޮގްރާމް "ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި" ގެ ގަދަ 12 ބައިވެރިންގެ ހުނަރު ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ޕީއެސްއެމާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފެވެ.

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ދައްކަން ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ރޭގައެވެ.

img:http://s3.psmnews.mv/images/660x400/14657524332182.jpg|ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ޖަޖުން- ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ އޮޑިޝަންގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އޮޑިޝަން ޕްރޮގްރާމްތައް މިހާރު ދައްކާފައިވާާއިރު ދެން ފެނިގެންދާނީ އެންމެ މޮޅު ބާރަ ބައިވެރިންގެ ހުނަރު ދައްކާލުމުގެ ޝޯތަކެވެ. އެގޮތުން ގްރޭންޑް ފިނާލޭއާއިއެކު 7 ޕްރޮގްރާމެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އެންމެ އަލިގަދަ ތަރި ޕްރޮގްރާމަކީ ދިވެހިންގެ އިސްލާމީ ވަހުދަތާއި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ޕީއެސްއެމުން ކުރާ ވަރަށް މުހިންމު މަސައްކަތެއްކަން ޕީއެސްއެމުން ފާހަގަކުރެއެވެ.މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، މިއީ ޤުރުއާނަށް ލޯބިކުރާ ޒުވާނުންނަށް ހުނަރު ދައްކާލަންލިބޭ ވަރަށް ބޮޑު ފުރުޞަތެއްކަމަށެވެ. މި ޕްރޮގްރާމަކީ ރޯދަމަހު އެންމެ ގިނަބަޔަކު ބަލާ އެންމެ މަޤްބޫލު ޕްރޮގްރާމްކަން ފާހަގަކުރައްވާ އިކްރާމް ވަނީ، މި ޕްރޮގްރާމްގެ ފެންވަރު ރަނގަޅުކުރުމަށާއި، ކާމިޔާބު މޮޅު ބަޔަކަށްވުމަށް މަސައްކަތްކުރުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މި ޕްރޮގްރާމް ދައްކަނީ ކޮންމެ އަންގާރަ އަދި ހުކުރުދުވަހެއްގެ ރޭގައެވެ.

ގަދަ ބާރައަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ އުޞޫލަކުން ބައިވެރިން ކަޓަމުން ގޮސް ގަދަ ތިނެއް ހޮވާނެއެވެ. އަދި ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ހޮވާނީ އެ ތިން ބައިވެރިންގެ ތެރެއިންެނެވެ. އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ 1 ވަނަ، 2 ވަނަ، 3 ވަނައަށް ހޮވޭ ފަރާތްތަކަށް އަގު ބޮޑެތި އިނާމުތަކެއް މިއަހަރު ހުށަހަޅާފައިވާއިރު، އޭގެތެރޭގައި އިސްލާމިކް ޔުނިވަރސިޓީން ދެއްވާ ފުލް ސޮކްލަރޝިޕް ހިމެެނެއެވެ. މީގެ އިތުރުން ޙައްޖު ދަތުރަކާއި، ޢުމްރާ ދަތުރު މި ޕްރޮގްރާމްގެ އެއްވަނަ، ދެވަނަ އަދި ތިންވަނަޔަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި ބައެއް ފަރާތުން މިހާރު ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އިސްލާމީ ޤައުމުތަކުންވެސް މިމުބާރާތަށް އިނާމު ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ދީފައިވެއެވެ. މިއީ ޓީވީއެމްއިން ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ގެނެސްދޭ 4 ވަނަ އަހަރެވެ.