ޚަބަރު

އިންޑިޔާ-ޗައިނާ ސަރަޙައްދީ ރޮނގުގެ ސުލްޙައާ ގުޅޭ އެއްބަސްވުން ތަންފީޒު ކުރަނީ


ސަރަޙައްދީ ރޮނގުގައި ފޯރިމެރުމާ ގުޅޭ ގޮތުން އިންޑިޔާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ޙައްލުކޮށް, ސަރަޙައްދީ ރޮނގު ބަލަހައްޓާ ދެ ޤައުމުގެ ސިފައިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަން ޙައްލު ކުރުމަށް ދާދިފަހުން އެކުލަވައިލާފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ, މީގެ ހަތަރު އަހަރު ކުރިން ދެ ޤައުމުގެ ސިފައިންގެ މެދުގައި ހިނގި ނުރައްކާތެރި ޙަމަލާ ބަދަލު ކުރުންތަކަށް ފަހު, ސަރަޙައްދީ ރޮނގާ ގުޅޭ މައްސަލަތައް ޙައްލު ކުރަން ދެ ޤައުމުން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ފުރަތަމަ ފަހަރެވެ.

ދެ ޤައުމުގެ ސިފައިންގެ މެދުގައި ޙަމަލާ ބަދަލު ކޮށްފައި ވަނީ އިންޑިޔާގެ ލައްދާކު ސަރަޙައްދާއި ޗައިނާގެ ޝިންޖިއާންގ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައެވެ. އެއީ, ހިމާލަޔާ ފަރުބަދަ ރޭންޖުގެ ހުޅަނގުގެ ސަރަޙައްދެވެ. ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު އެ ސަރަޙައްދުގައި އޮތް ޑިޕްސާންގ އަދި ދެމްޗޮކްގައި ދެ ޤައުމުގެ ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައެވެ. ނަމަވެސް, ދެ ޤައުމުގެ ދެމެދުގައި އެކުލަވައިލާފައިވާ އައު އެއްބަސްވުމުގެ ދަށުން, އެ ދެ ސަރަޙައްދުގައި ތިބި ސިފައިން ވަނީ ފަހަތަށް ޖައްސަން ފަށާފައެވެ.

ނަން ހާމަކޮށްފައި ނުވާ އިންޑިޔާގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވީ, ޑިޕްސާންގ އަދި ދެމްޗޮކްގައި ތިބި ދެ ޤައުމުގެ ސިފައިން ފަހަތަށް ޖެއްސުމުގެ މަސައްކަތް އޮކްޓޫބަރު 23ވަނަ ދުވަހު ފަށާފައިވާ ކަމުގައެވެ. އަދި, އެ މަސައްކަތް ފުރިހަމަ ކުރުމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމުގައެވެ. ނިއުކްލިޔަރ ހަތިޔާރުގެ ޤާބިލުކަން ހޯދާފައިވާ ދެ ޤައުމުން ވެސް ވަނީ އެ ސަރަޙައްދަށް ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު ޖަމާކޮށްފައެވެ.

ލައްދާކާއި ޝިންޖިއާންގ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ސުލްޙަ ދަމަހައްޓަން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމަށް ފަހު, ދެ ޤައުމުގެ ވެރިންގެ މެދުގައި މުހިންމު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ދެމެދު ފުރަތަމަ ފަހަރަށް ބައްދަލުވުމެއް ބާއްވާފައި ވަނީ, ރަޝިޔާގެ ކަޒަންގައި ބޭއްވި ބްރިކްސްގެ މެންބަރު ޤައުމުތަކުގެ ސަމިޓުގެ ހަވާސާގައެވެ.

ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ސުލްޙަ ދަމަހައްޓަން އެއްބަސްވުމެއް އެކުލަވައިލައި, ތަންފީޒު ކުރަން ފަށާފައިވާ ކަން ޗައިނާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ”އިންޑިޔާއާއި ޗައިނާއާ ދެމެދު ދާދިފަހުން އެކުލަވައިލި އެއްބަސްވުމުގެ ދަށުން, ކުރީ ސަފުގައި ތިބި ސިފައިން ވަނީ ކަމާ ގުޅޭ މަސައްކަތްތައް ފަށާފައި, އެ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކޮށް،“ ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއަން ވިދާޅުވިއެވެ.

އިންޑިޔާގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނީ, 2020ވަނަ އަހަރުގެ އޭޕްރިލް މަހުގައި ދެ ޤައުމުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުންތައް ހިނގުމުގެ ކުރިން ސަރަޙައްދީ ރޮނގު ކައިރީގައި ބިނާކޮށްފައިވާ ހަޓުތަކާއި ފޭލިގެތައް ނެގުމުގެ މަސައްކަތް ވެސް ފަަށާފައިވާ ކަމުގައެވެ. އަދި, އެ ސަރަޙައްދަށް އިންޑިޔާއިން ފޮނުވާފައިވާ އަސްކަރީ އުޅަނދުފަހަރު ފަހަތަށް ޖައްސަން ފަށާފައިވާ ކަމުގައެވެ. ދެ ފަރާތުގެ މެދުގައި އެކުލަވައިލާފައިވާ އައު އެއްބަސްވުމުގެ ދަށުން, ސަރަޙައްދީ ރޮނގުގައި ފޯރުމެރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ ދެ ޤައުމުގެ ސިފައިންގެ މެދުގައި ބަހައިލައިގެން, ވަކި ތާވަލެއްގެ ދަށުންނެވެ.

2020ވަނަ އަހަރު ގަލްވާން ވާދީ ސަރަޙައްދުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ހިނގި ޙަމަލާ ބަދަލުކުރުންތަކުގައި އިންޑިޔާގެ 20 ސިފައިންނާއި, ޗައިނާގެ ހަތަރު ސިފައިން މަރުވިއެވެ. އެ މައްސަލަތައް ޙައްލު ކުރުމަށް ދެ ފަރާތުގެ މެދުގައި އެކުލަވައިލާފައިވާ އައު އެއްބަސްވުމާ ގުޅޭ ގިނަ މަޢުލޫމާތުތަަކެއް ހާމަކޮށްފައި ނެތް ނަމަވެސް, އެ އެއްބަސްވުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރަން ފަސޭހަވެގެން ދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ކަޒަންގައި ބޭއްވި ބައްދަލުވުމުގައި ޝީއާއި މޯދީ ވަނީ ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރުމާއި އެކި ދާއިރާތަކުން ގުޅުންތައް ބަދަހި ކުރުމަށް އެއްބަސްވެ ވަޑައިގަންނަވާފައެވެ.