ޚަބަރު

އެމްޑީޕީ ސަރުކާރުން ދޭންނުޖެހޭ ފައިސާތަކެއް ދީބާޖާއަށް ދީފައިވާ މައްސަލަ ތަހުޤީޤުކުރަންޖެހޭ: އޮޑިޓް ރިޕޯޓް


  • 64 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ކަނޑައަޅާފައިވޭ

  • 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ

  • މިއީ މާލީ މަންފާތަކެއް ހޯދައިދިނުމަށް ދިން ފައިސާއެއްކަމަށް ތުހުމަތުކުރެވޭ

ދިބާޖާ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ގެއްލުމުގެ ބަދަލުގައި ގޮތުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދީފައިވަނީ ދޭން ނުޖެހޭ ފައިސާއެއްކަމަށާއި އެހެންކަމުން އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުއްވުމަށް އޮޑިޓަރ ޖެނެެރަލްގެ އޮފީހުން އަންގަވައިފިއެވެ.

އޮޑިޓަރ ޖެނެެރަލްގެ އޮފީހުން މިގޮތަށް އެންގެވީ ދިބާޖާ އިންވެސްޓްމަންޓާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހަދާފައިވާ ސްޓެލްމަންޓް އެއްބަސްވުމާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ހާއްސަ އޮޑިޓަށްފަހުއެވެ.

ދިބާޖާ އިންވެސްޓްމަންޓަކީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކެއްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެކެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ކަންކަން ކުރިއަށްނުދާތީ 2013 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަޙީދުގެ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ.

ދިބާޖާ އިންވެސްޓްމަންޓާއެކު ސަރުކާރުން ޤާއިމްކުރި އެއްބަސްވުން ބާތިލުކުރި މައްސަލައިގެ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، މިދިޔަ އަހަރުގެ އޮގަސްޓްމަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ އެ ކުންފުންޏަށް ބަދަލު ދިނުމަށް ސްޓެލްމަންޓް އެއްބަސްވުމެއް އެކުލަވާލާފައެވެ. ކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ރައީސް ޞާލިހުގެ ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި އޭގެ ތެރެއިން 12.8 މިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ރައީސް އޮފީހުން އަންގައިގެން ދީބާޖާއަށް ދޫކޮށްފައެވެ.

ރައީސް ސާލިހުގެ ސަރުކާރުން ދީބާޖާއަށް ބަދަލު ދިނުމަށް ނިންމެވި ނިންމެވުންތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނަރަލްގެ އޮފީހުން ކުރިއަށްގެންދިޔަ ހާއްސަ އޮޑިޓްގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

އޮޑިޓަރ ޖެނެެރަލްގެ ރިޕޯޓްގައި ވިދާޅުވީ ދީބާޖާއަށް 64 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ރައީސް ސާލިހުގެ ސަރުކާރުން ކަނޑައަޅާފައިވަނީ މާލީ ހިސާބުތަަކަށް ރިޢާޔަށް ނުކޮށްކަން ފާހަގަކުރެވިފައިވާކަމަށެވެ. 64 މިލިއަން ރުފިޔާގެ ތެރެއިން 11.9 މިލިއަން ރުފިޔާއަކީ ފެރީތަކެއް ބަނުމަށް ހިނގި ހަރަދުގެ ބަދަލަށް ދޭ ފައިސާކަމަށްވާއިރު، އެ ފެރީތަކުގެ ތެރެއިން އަމަލީ މަސައްކަތް ފެށީ ކިތައް ފެެރީތޯއާއި، އެ ކުންފުނިން ހަރަދުކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާތޯވެސް ސްޓެލްމަންޓް ކޮމިޓީން ބަލާފައިނުވާކަމަށް އޮޑިޓްގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ގެނެސްފައިވާ ތަކެތީގެ ބަދަލަށް 2.7 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާފައިވާއިރު، އެ ކުންފުނިން ގެނައިކަމަށް ބުނާ މުދާތައް ވިއްކައިގެން މާލީ މަންފާއެއް ހޯދިތޯ ނުވަތަ އެ މުދަލަށް ހެދި ގޮތެއް އެނގެން ނެތްކަމަށްވެސް އޮޑިޓްގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ދީބާޖާއިން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިން މުއްދަތުގައި ވިޔަފާރީގެ ގޮތުން އެ ކުންފުންޏަށް ލިބުނު ގެއްލުމަށް 49.5 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ކަނޑައަޅާފައިވާއިރު، އެއީ އެކުންފުނިން ކުރި ޚަރަދުތަކުގެ ތަފްސީލާއި، މާލީ ގެއްލުމުގެ އަދަދަށް ރިޔާޢަށްނުކޮށް، ދީބާޖާއިން އަންދާޒާކޮށްފައިވާ އަދަދުތަކެއްގެ މައްޗަށް ސަރުކާރުން ކަނޑައެޅި ބަދަލެއްކަމަށްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުން އެއްބަސްވުން ބާތިލްކޮށްގެން ދީބާޖާއަށް އެންމެ ގިނަވެގެންވެސް ލިބޭނެ ގެއްލުމުގެ އަގަކީ 48 މިލިއަން ރުފިޔާއެެވެ. ނަމަވެސް އެ ގެއްލުން ފޫބައްދަން ސަރުކާރުން ވަނީ ރިސޯޓެއް ހިންގަން އެ ކުންފުންޏަށް ރ.އަތޮޅުން ރަށެއް ދޫކޮށްފައިކަމަށާއި، އަދި އެ ރަށް ސަބްލީސް އެގްރިމެންޓެއްގެ ދަށުން 4.2 މިލިއަން ޑޮލަރު ނުވަތަ 65.5 މިލިއަން ރުފިޔާއަށް އެ ކުންފުނިން ވިއްކާލާފައިވާކަންވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ކުންފުންޏަށް ލިބުނު ގެއްލުމަށްވުރެ 65.5 މިލިއަން ރުފިޔާއަށް ރިސޯޓް ވިއްކާލުމުން ދީބާޖާއަށް އިތުރު މާލީ މަންފާއެއް ލިބިފައިވާކަންވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

މި ހުރިހާ ކަމަކަށް ރިޔާޢަށްކުރުމަށްފަހު އޮޑިޓް ރިޕޯޓްގައި ކަނޑައަޅާފައިވަނީ ރައީސް ސާލިހުގެ ސަރުކާރުން ދީބާޖާއަށް 64 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމުގެ ގޮތުން ސްޓެލްމަންޓް އެއްބަސްވުމެއް ޤާއިމްކުރުމަކީ އެ ކުންފުންޏަށް އިތުރު މާލީ މަންފާތަކެއް ހޯދައިދިނުމަށްކަމަށެވެ. އަދި އެކަމުގެ ސަަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިގެންދާނޭކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެކުންފުންޏަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ހޯދުމަށާއި، އެކުންފުޏްނަށް ދޭންނުޖެހޭ ފައިސާ ދިނުމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި، އެ މައްސަލަ ތަހުޤީޤުކުރުމަށްވެސް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި އަންގާފައިވެއެވެ.