ޚަބަރު

ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާދީފި, ތަހްރާނުން ބުނީ ބޮޑު ގެއްލުމެއް ނުލިބޭކަމަށް


ޒަޔަނިސްޓު ދައުލަތުގެ ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. މިއީ, އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ޔަހޫދީ ފައުޖުގެ އަސްކަރީ އަމާޒުތަކަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެކެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ޔަހޫދީ ފައުޖުން އިތުރު ޙަމަލާތަކެއް ދިނުމާ ގުޅިގެން އެ ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު, އަދި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އީރާނަށް ޙަމަލާ ދިނުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ, އެ ޙަމަލާތަކުގެ ރައްދު ނުދިނުމަށް އީރާނަށް ގޮވައިލާފައެވެ. ތިން ރާޅަކަށް ދިން ޙަމަލާތަކަށް ފަހު, ޔަހޫދީން ބުނީ ބަދަލު ހިފުމުގެ ގޮތުން ދޭން ނިންމާފައިވާ ޙަމަލާތައް ނިމުމަކަށް އައިސްފައިވާ ކަމުގައެވެ. ނަމަވެސް, އީރާނުގެ ދައުލަތާ ގުޅުން އޮތް މީޑިޔާތަކުން ބުނީ, ޔަހޫދީންގެ ޙަމަލާތަކާ ބައްދަލު ރައްދެއް އީރާނުން ދޭނެ ކަމުގައެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ތަހްރާނާއި އެ ސަރަޙައްދުގައި އޮންނަ އަސްކަރީ މަރުކަޒުތަކަށް ކަމުގައި އީރާނުގެ މީޑިިޔާތަކުން ރިޕޯޓު ކުރިއެވެ.

އީރާނުން ބުނީ ތަހްރާންގެ އިތުރުން ޚޫޒިސްތާނާއި އީލާމަށް ޔަހޫދީ ފައުޖުން ދީފައިވާ ގިނަ ޙަމަލާތައް, އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން ދިފާޢު ކޮށްފައިވާނެ ކަމުގައެވެ. އަދި, ޔަހޫދީންގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ނުލިބޭ ކަމުގައެވެ. ޔަހޫދީންނާއި އީރާނާ ދެމެދު މަސްރަޙު ހޫނުވެފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އަދި, ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.

އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދީފައި ވަނީ, ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކުރިއެވެ. އެ ޙަމަލާތަކުގައި އެކަކު މަރައިލައި, ބޮޑެތި ގެއްލުންތަކެއް ދިން ނަމަވެސް, އެ ގެއްލުންތަކުގެ ތަފުސީލު ހާމަކުރަން ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.

ޔަހޫދީން އީރާނަށް އެންމެ ފަހުން ދީފައިވާ ޙަމަލާތަކާ ގުޅިގެން, މެދުއިރުމަތީގައި ޔަހޫދީން ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއާއި އީރާން ވަނުމުގެ ފުރުޞަތު އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދީފައި ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެންނެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ މިސައިލް ފަދަ ހަތިޔާރު އުފައްދާ ކާރުޚާނާތަކާއި, މިސައިލް ދިފާޢީ ނިޒާމުތަކަށް ކަމުގައި ޔަހޫދީން ބުންޏެވެ.

އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ އިތުރުން ހަކަތަ އުފައްދާ އިންޖީނުގެތަކަށް ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރާނެ ކަމަށް ކުރިން ބެލެވިފައި އޮތެވެ. ނަމަވެސް, ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ބުނީ, އެ ފަދަ އެއްވެސް ތަނަކަށް ޔަހޫދީން ޙަމަލާދީފައި ނުވާ ކަމުގައެވެ. އެ ފަދަ އެއްވެސް ތަނަކަށް, އަދި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބިނާ ކޮށްފައިވާ އެއްވެސް ކާރުޚާނާއަކަށް, ޙަމަލާ ދިނުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިންޒާރު ކުރައްވާފައެވެ. ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.

އީރާނުގެ ދައުލަތާ ގުޅުން އޮތް ތަސްނީމް ނޫސް އޭޖެންސީން ބުނީ, ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމަކީ އީރާނަށް ލިބިގެންވާ ޙައްޤެއް ކަމަށާއި, ކުރިއަށް އޮތް ދުވަސްތަކުގައި ޔަހޫދީންގެ ޙަމަލާތަކާ ބައްދަލު ރައްދެއް އީރާނުން ޔަހޫދީންގެ އަމާޒުތަކަށް ދޭނެ ކަމުގައެވެ. އަދި, އެ ކަމުގައި އެއްވެސް ޝައްކެއް ނެތް ކަމުގައި ވެސް, އީރާނުގެ މަޞްދަރުތަކާ ޙަވާލާދީ އެ ނޫހުން ބުންޏެވެ.

ބައިޑަންގެ ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ, ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކާ އެކު އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް އަންނާނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. ނަމަވެސް, ޔަހޫދީންގެ ކިބައިން ބަދަލުހިފަން އީރާނުން އިތުރު ޙަމަލާތަކެއް ދީފި ނަމަ, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން ތެދުވާނެ ކަމުގައެވެ.

އީރާނާ ދެކޮޅަށް އެމެރިކާ ތެދުކޮށް, ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަކީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަަންޔާހޫގެ މަޤުޞަދު ކަން އޭނާގެ އަމަލުތަކުން ސާފުވެއެވެ. އެމެރިކާއިން ވަނީ އެ ޤައުމުގެ ސިފައިން އިސްރާއީލަށް ފޮނުވައި, އެމެރިކާގައި އުފައްދާފައިވާ ޓަރމިނަލް ހައި އެލްޓިޓިއުޑް އެއަރ ޑިފެންސް ނުވަތަ ތާޑް ނިޒާމުތައް ޔަހޫދީންގެ ރަށްތަކުގައި ޤާއިމު ކޮށްފައެވެ.

އީރާނަށް ދިން ޙަމަލާތަކާ އެކުއެކީގައި ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ މެދުތެރެއާއި ދެކުނުގެ ރަށްތަކަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ, އެ ޤައުމުގެ ރަށްތަކަށް ޙަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ މިސައިލްތައް އުދުއްސައިލާފައި ވަނީ, ޔަހޫދީން ވެރިވެގަނެފައިވާ އަލް-ޖޫލާންގެ އުސް ބިންތަކުން ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ގިނަ މިސައިލްތައް ސޫރިޔާގެ އަސްކަރިއްޔާއިން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ވެސް އެ މީޑިޔާއިން ބުންޏެވެ. ޔަހޫދީ ފައުޖުގެ ބައެއް ޙަމަލާތައް ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވެސް އަމާޒުކޮށްފައިވެއެވެ.