ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގައި ނުރައްކާތެރި ހުޅުގަނޑެއް ފަޅައިގެންދާން އުޅޭ ކަމަށް ވިދާޅުވެ, ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް އެ މީހުން މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ދެއްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ, ރަޝިޔާގެ ކަޒަންގައި ބޭއްވި ބްރިކްސްގެ މެންބަރު ޤައުމުތަކުގެ އިސްވެރިންގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބްރިކްސަކީ ބްރެޒިލް, ރަޝިޔާ, އިންޑިޔާ, ޗައިނާ އަދި ދެކުނު އެފްރިކާގެ މައްޗަށް އެކުލެވިގެންވާ އިއްތިޙާދެކެވެ. މީގެ އިތުރުން, އީރާން, ސަޢޫދީ ޢަރަބިއްޔާ, އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ), މިޞްރު އަދި އިތިއޯޕިޔާއަކީ ވެސް އެ އިއްތިޙާދުގެ މެންބަރުންނެވެ.
ކަޒަންގައި ބޭއްވި ބްރިކްސްގެ ސަމިޓުގައި 20 ޤައުމެއްގެ ވެރިންނާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ އިތުރުން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ހިމެނި ވަޑައިގަންނަވައެވެ. ކަޒަންގައި ބޭއްވި ސަމިޓުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައިވާ މައްސަލަތަކުގެ ތެރޭގައި ޔަހޫދީންގެ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގައި މަސްރަޙު ހޫނުވުމާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހިމެނެއެވެ.
”އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އެތަކެއް ގުނައަކަށް ވަނީ އިތުރުވެފައި. އެ ނުވަތަނަވަސް ކަމުގެ މިސްރާބު ހުރީ މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމާ ދިމާލަށް،“ ޕުޓިން ވިދާޅުވިއެވެ. މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އަދި, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެންނެވެ.
ބްރިކްސްގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ޝީ ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްޙަވެރި ސިޔާސީ ޙައްލެއް ހޯދަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ. އަދި, ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަން ޗައިނާއާއި ބްރެޒިލުން ތައްޔާރަށް އޮތް ކަން އޭނާ ހާމަކުރެއްވިއެވެ. ”ޙަމަލާ ބަދަލުކުރުން ވީ އެންމެ އަވަހަކަށް ހުއްޓުވައި ސިޔާސީ ޙައްލެއް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،“ ޝީ ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަޙާ މެދު ވާހަކަފުޅު ދައްކަވަމުން ޝީ ވަނީ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން މެދުކަނޑައިލަން ގޮވައިލައްވާފައެވެ. އަދި, ޔަހޫދީންގެ ޖާރީމާތަށް ލުބްނާނަށް ފުޅާ ކުރުމުގެ ބަދަލުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ މަސައްކަތް އިސްކުރަން އޭނާ އެދިވަޑައިގެންނެވިއެވެ.
ބްރިކްސްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ އދއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ, ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އދ ފޭލުވެފައިވާ ކަމުގައެވެ. ”ޣައްޒާއާއި ލުބްނާންގައި ހަނގުރާމައިގެ ހުޅުގަނޑު އެ ދަނީ ފެތުރެމުން, ބައިނަލްއަޤުވާމީ ޖަމުޢިއްޔާތައް, ޚާއްޞަކޮށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސުލްހަމަސަލަސް ކަން ދަމަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އދގެ ސަލާމަތީ މަޖިލިސް, ވަނީ އެ ހުޅުގަނޑު ނިއްވައިލަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނުކުޅެދިފައި،“ ޕީޒިޝްކިޔާން ވިދާޅުވިއެވެ.
ޕުޓިން ވެސް ވިދާޅުވީ, މެދުއިރުމަތީގެ މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލަކީ, ޔަހޫދީންގެ އަޅުވެތިކަމުން ފަލަސްޠީނުގެ މުސްލިމުން މިނިވަންކޮށް, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުން ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އަދި, އެހެން ނޫން ނަމަ, ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ލިބިފައިވާ ކަމަށް ޤަބޫލު ނުކުރެވޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ބްރިކްސްގެ ސަމިޓުގެ ޤަރާރުގައި ވެސް, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމަށް ޤައުމުތަކުން ގޮވައިލިއެވެ. ބްރިކްސްގެ ބައްދަލުވުމުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވެ ވަޑައިގެންނެވި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.