ޚަބަރު

ބްރިޖްގެ ފައުންޑޭޝަން އެޅުމުގެ ތައްޔާރީތައް ފަށައިފި


ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖްގެ ފައުންޑޭޝަން އެޅުމުގެ ތައްޔާރީތައް ފަށްޓަވައިފިއެވެ.

ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ފައުންޑޭޝަން އެޅުމަށް ބޭނުންވާ ހޮޅިތައް ޖެހުމުގެ މަސައްކަތް ހުކުރު ދުވަހު ފަށްޓަވާފައިވާކަމަށާއި، ހޮޅިތައް ކަނޑުގެ އަޑިއަށް ފައްތާ  ނިމުމުން ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށެވެ. ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް ލަފާކުރައްވާފައިވަނީ، ޖުލައި މަހުގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ މައިގަނޑު ހެދުމަށް ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން ޕްލެޓް ފޯމްތަކުގެ މަސައްކަތް ނިމި، ވަގުތީ ގޮތުން ހަދާ ޓްރެސަލް ބްރިޖްގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށްވެސް ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ މައިގަނޑު 5 ބައެއް ހިމެނޭއިރު ކޮންމެ ބައެއްގައި 7 ހޮޅި ޖަހާނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ތަނބުތައް މޫދުން މައްޗަށް ފެންނަވަރުވާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ބްރިޖްގެ ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް އަންނަ އަހަރު ފެށްޓެވުމަށް ވަނީ ނިންމަވާފައެވެ. ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިނގ ކުންފުނިންނެވެ.