ޚަބަރު

ރާއްޖޭގެ އަންހެން ޓީމު ކޮޅަށް ބޫޓާނުން ގިނަ ލަނޑުތަކެއް


ނޭޕާލުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާނުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް 13 ލަނޑު ޖަހައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 2021 ވަނަ އަހަރު އޭޝިއާގެ އަންހެން މުބާރާތުގެ ކޮލިފައިންގައި ވިއެޓްނާމް އަތުން 16-0 ގެ ނަތީޖާއަކުން ބަލިވި ފަހުން، ރާއްޖެއިން އެންމެ ފަރަގު ބޮޑުކޮށް ބަލިވި މެޗެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާނުން ރާއްޖެ ކޮޅަށް 13 ލަނޑު ޖެހިއިރު، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލުން ވަނީ ރާއްޖެ ކޮޅަށް 11 ލަނޑު ޖަހާފައެވެ.

ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ހަ ލަނޑު ޖެހިއިރު، އަނެއް ހަތް ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މި މެޗަށްފަހު ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކެޕްޓަން އައިމިނަތު ޒާހިޔާ ވަނީ ރިޓަޔާކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ހަތް ގައުމު ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ގުރޫޕް އޭގައި ހިމެނުނު ޓީމުތަކަކީ ބަންގްލަދޭޝް އާއި، އިންޑިއާ އަދި ޕާކިސްތާނެވެ. އަދި ގުރޫޕް ބީގައި ހިމެނުނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި، ލަންކާ އާއި، ބޫޓާން އަދި ރާއްޖެއެވެ.

މި މުބާރާތުގެ ގުރޫޕް ފިޔަވަހީގެ ފަހު މެޗުންވެސް ރާއްޖެ ބަލިވިއިރު، ފުރަތަމަ މެޗުގައި ވަނީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާއި ދެވަނައިގައި އޮތް ބޫޓާނަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ލަންކާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރާއްޖެއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.