ޚަބަރު

ލުބްނާނަށް އަރަން އުޅުނު ޔަހޫދީންގެ 70އަށްވުރެ ގިނަ ސިފައިން ޙިޒްބުاللهން މަރާލައިފި


ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ސިފައިންގެ ތެރެއިން 70އެއްހާ މީހުން މަރައިލާފައިވާނެ ކަން, އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ހާމަކޮށްފިއެވެ. ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ ސެޕްޓެންވަރު 23ވަނަ ދުވަހުއެވެ. އަދި, އެއްގަމު މަގުން އެ ޤައުމުގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ.

ލުބްނާންގެ ހައްދުފަހަނަ އެޅި ސިފައިންނާ ކުރިމަތިލައި, އޭގެ ތެރެއިން 55 މީހުން މަރައިލާފައިވާނެ ކަމުގައި ޙިޒްބުاللهން ހުސްވި ހަފުތާގައި ހާމަކުރިއެވެ. އޮކްޓޫބަރު 23ވަނަ ދުވަހު ޙިޒްބުاللهން ބުނީ, ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ތެރެއިން އިތުރު ބަޔަކު މަރައިލާފައިވާނެ ކަމަށާއި, ލުބްނާން ޢުދުވާން ފެށި ފަހުން މަރައިލާފައިވާ ޔަހޫދީ ސިފައިންގެ އަދަދު 70އަށް އުފުލިފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން ވެސް ވަނީ ގިނަ ޢަދަދެއްގެ ސިފައިން މަރުވެފައިވާ ކަމަށް އެއްބަސްވެފައެވެ.

ލުބްނާނާއި ޒަޔަނިސްޓު ދައުލަތާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަށްތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޖަރީމާތަކެއް ފެށުމާ ގުޅިގެންނެވެ. ހިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި, ފަލަަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި ބޭނުމަކީ, ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން ބާރުއެޅުމެވެ.

ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ޙަރަކާތުގެ ދަށުން ޔަހޫދީ ފައުޖަށް ބޮޑެތި ގެއްލުންތަކެއް ޙިޒްބުاللهން ވަނީ ދީފައެވެ. ޙިޒްބުاللهން ބުނީ, ޔަހޫދީ ސިފައިންގެ ތެރެއިން 600އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާނެ ކަމުގައެވެ. ޔަހުދީ ފައުޖުގެ އަސްކަރީ އުޅަނދުފަހަރާއި ހަތިޔާރުތަކަށް ވެސް ޙިޒްބުاللهން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޙިޒްބުاللهގެ ޙަމަލާތަކުގައި ނައްތައިލާފައިވާ ހަތިޔާރުތަކުގެ ތެރޭގައި މިރްކަވާ މަރުކާރުގެ 28 ޓޭންކަރާއި, ހަތަރު އަސްކަރީ ބުލްޑޯޒަރު ހިމެނެއެވެ. އަދި, ޔަހޫދީ ސިފައިން އުފުލަން ބޭނުން ކުރާ ގިނަ އަދަދެއްގެ އާމަރޑް އުޅަނދުފަހަރު ހިމެނެއެވެ.

ލުބްނާންގެ ވެރިރަށް ބައިރޫތުގެ އިތުރުން އެ ޤައުމުގެ ދެކުނުގެ ރަށްތަކާއި އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދަނީ ވައިގެ ޙަމަލާތައް ވެސް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތައް ދިނުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ އަސްކަރީ ޑްރޯންތަކަށް ޙަމަލާދީ, ޙިޒްބުاللهން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ގޮތުން, ހެރްމެސް-450 މަރުކާގެ ތިން އަސްކަރީ ޑްރޯނާއި, ހެރްމެސް-900 މަރުކާގެ އަސްކަރީ ޑްރޯނަކަށް ޙަމަލާދީ ވައްޓައިލާފައިވާނެ ކަން ޙިޒްބުاللهން ހާމަކުރިއެވެ.

އޭގެ އިތުރުން, ޔަހޫދީންގެ ރަށްތަކުގައި ބިނާ ކޮށްފައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ވެސް ޙިޒްބުاللهން ދަނީ މެދުކެނޑުމެއް ނެތި ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި, ޔަހޫދީ ފައުޖަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެ ކަމުގެ ތަފުސީލުތައް ހާމަ ކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް ޙިޒްބުاللهން 27 މިސައިލް ބޭނުން ކުރިއެވެ. އަދި, އޭގެ ކުރީ ދުވަހު 39 މިސައިލް ބޭނުންކޮށް, ޔަހޫދީ ފައުޖަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް 100އެއްހާ ރޮކެޓް ޙަމަލާ ޔަހޫދީ ފައުޖަށް ޢަމާޒުކޮށް ޙިޒްބުاللهން ފޮނުވާލައެވެ.

ޙިޒްބުاللهން ބުނީ, އެ ޖަމާޢަތް ބަލިކަށިކޮށް ނެތިކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކުގެ މަޤުޞަދު ހާސިލުވަމުން ނުދާ ކަމުގައެވެ. އަދި, އެ ޖަމާޢަތުގެ އަތުގައި އެންމެ ފަހުގެ ޒަމާނީ ޕްރިސިޝަން މިސައިލްތަކާއި, އައު މަރުކާތަކުގެ އަސްކަރީ ޑްރޯންތައް ހުރި ކަމުގައެވެ. ޔަހޫދީންނާ ދެކޮޅަށް ޙިޒްބުاللهން ފަށާފައިވާ އަސްކަރީ ހަރަކާތުގައި އެ ފަދަ ހަތިޔާރުތައް ބޭނުން ކުރަން ފަށާނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ވަނީ ދީފައެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ޙިޒްބުاللهއަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެ ގޮތުން, ސެޕްޓެންބަރު 27ވަނަ ދުވަހު ބައިރޫތުގެ ޟާޙިިޔާ ޑިސްޓްރިކްޓަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި އެ ޖަމާޢަތުގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލިއެވެ. އަދި, އޮކްޓޫބަރު 3ވަނަ ދުވަހު ދިން ޙަމަލާތަކެއްގައި ނަޞްރުاللهގެ ނައިބު ހާޝިމް ޞަފީއްދީން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. ނަޞްރުاللهއަށް ފަހު ޙިޒްބުالله ވެރިކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި އޮތް ބޭފުޅަކީ ޞަފީއްދީނެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,483އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 11,628އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.3 މިލިޔަނަށް ވަނީ އުފުލިފައެވެ. އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުމަތީގައި ކަމުގައެވެ.