ޚަބަރު

ތުރުކީވިލާތުގައި ދިން ނިރުބަވެރި ޙަމަލާ ގުޅިގެން ޕީކޭކޭގެ އަމާޒުތަކަށް ޙަމަލާ ދީފި


ތުރުކީވިލާތުގެ ވައިގެ އުދުހުންތަކާއި ދިފާޢާ ބެހޭ ކުންފުނި (ޓޫޝާޝް)ގެ މައި މަރުކަޒަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅިގެން, އެ ޙަމަލާތަކުގައި ޒިންމާވާ ކަމަށް ބެލެވޭ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ގެ އަމާޒުތަކަށް ތުރުކީވިލާތުގެ އަސްކަރިއްޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ތުރުކީވިލާތުގެ ވެރިރަށް އަންކަރާއާ 40 ކިލޯމީޓަރު އުތުރުން އޮންނަ ކުޑަ ރަށެއް ކަމުގައިވާ ކަހްރަމަންކަޒާންގައި ހުންނަ ޓޫޝާޝްގެ މައި މަރުޒަކަށް ދިން ޙަމަލާތަކުގައި ފަސް މީހުން މަރައިލައި, އިތުރު 22 މީހުން ޒަޚަމު ކޮށްލިއެވެ.

އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ތުރުކީވިލާތުގެ އަސްކަރިއްޔާއިން ޙަމަލާ ދީފައި ވަނީ ޢިރާޤުގެ އުތުރާއި ސޫރިޔާގެ އުތުރުގެ ރަށްތަކުގައި ޕީކޭކޭގެ ހަނގުރާމަވެރިން ޙަރަކާތްތެރިވާ ސަރަޙައްދުތަކަށެވެ. ތުރުކީވިލާތުގެ ދާޚިލީ ވަޒީރު ޢަލީ ޔައަލިކަޔާ ވިދާޅުވީ, ކަހްރަމަންކަޒާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ ޕީކޭކޭގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ކަމުގައެވެ. ޕީކޭކޭއަކީ ތުރުކީވިލާތުން ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތެކެވެ.

ޓޫޝާޝްގެ މައި މަރުކަޒަށް ދީފައިވާ ޙަމަލާގައި ދެ މީހަކު ބައިވެރިވެފައިވާ ކަމަށާއި, ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެ ދެ މީހުން މަރުވެފައިވާ ކަމުގައި ޔައަލިކަޔާ ވިދާޅުވިއެވެ. ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އަންކަރާ ކަހްރަމަންކަޒާންގައި ހުންނަ ޓޫޝާޝްގެ މަރުކަޒަށް ދިން ޙަމަލާތަކުގައި ބައިވެރިވި ނިރުބަވެރިންގެ ދެ މީހުން ވާނީ މަރައިލާފައި،" އޭނާ ވިދާޅުވިއެވެ.

"ހިތާމައަކީ, ޙަމަލާގައި ފަސް މީހުން ޝަހީދުވެފައިވާ ކަން, އަދި 22 މީހުން ޒަޚަމުވެފައިވާ ކަން. ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދިނުމަށް ފަހު ހަސްފަތާލުން ވަނީ ދޫކޮށްލާފައި, ނަމަވެސް އިތުރު 19 މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުން." ޙަމަލާތައް ރާވައި ހިންގާފައިވާ ގޮތަށް ބަލާއިރު, ޙަމަލާތަކުގެ ފަހަތުގައި އޮތީ ޕީކޭކޭ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި, ތަޙުޤީޤުގައި ކާމިޔާބީ ލިބެމުންދާ މިންވަރަކުން އިތުރު މަޢުލޫމާތު ހާމަކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ތުރުކީވިލާތުގެ ވައިގެ ސިފައިން ޢިރާޤާއި ސޫރިޔާއަށް ދީފައިވާ ވައިގެ ޙަމަލާތަކުގައި ޕީކޭކޭގެ 32 އަމާޒެއް ނައްތައިލާފައި ވާނެ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޕީކޭކެގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރައިލާފައިވާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ކަހްރަމަންކަޒާންގައި ދީފައިވާ ނިރުބަވެރި ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ކަން, ތުރުކީވިލާތުގެ ޕްރޮސިކިޔުޓަރުންނާ ޙަވާލާދީ, އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.

ކަހްރަމަންކަޒާންގައި ނިރުބަވެރި ޙަމަލާތަކެއް ދިން ވަގުތު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ހުންނެވީ ރަޝިޔާގެ ކަޒަންގައެވެ. އޭނާ ކަޒަނަށް ވަޑައިގެންނަވާފައި ވަނީ ބްރިކްސްގެ މެންބަރު ޤައުމުތަކުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެކު ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވަނީ ކަހްރަމަންކަޒާންގައި ދީފައިވާ ނިރުބަވެރި ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ރަޝިޔާގެ އިތުރުން ހުޅަނގުގެ ޤައުމުތަކުގެ ދިފާޢީ އިއްތިޙާދު, ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)އާއި އެމެރިކާއިން ވެސް އެ ޙަމަލާތައް ކުށްވެރި ކުރިއެވެ.

ޓުޝާޝަކީ ތުރުކީވިލާތުގެ ވައިގެ އުދުހުންތަކާއި ދިފާޢާ ބެހޭ އުފެއްދުންތައް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެއީ, އަސްކަރީ ހަތިޔާރާއި މަތިންދާބޯޓުގެ އިތުރުން ހެލިކޮޕްޓަރު އުފައްދާ ކުންފުންޏެކެވެ. ތުރުކީވިލާތުން އަމިއްލައަށް އުފައްދާފައިވާ އެންމެ ފުރަތަމަ އަސްކަރީ މަތިންދާބޯޓު, ކޭއޭއޭއެން ނުވަތަ ކާންއަކީ ވެސް އެ ކުންފުނީގެ އުފެއްދުމެކެވެ. އެ ކުންފުނީގައި 10,000އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.