ކުޅިވަރު

މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން ރައުހަތު ސްޕޯޓްސް އާއި ޓްރެކް އެންޑް ފީލްޑަށް


ފުވައްމުލައް ސިޓީގައި ކުރިއަށްދިޔަ މަކިޓާ 15 ވަނަ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ރައުހަތު ސްޕޯޓްސްއިން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދައިފިއެވެ.

މިއީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ރައުހަތު ސްޕޯޓްސް ކުލަބުން ހޯދި ތިންވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އައްޑޫ ހައި ސުކޫލުގެ އަޙްމަދު އަބްސަލްއެވެ. އަދި އެންމެ މޮޅު އަންހެން އެތުލީޓަކީ ހައްވާ މުޒްނާ ފާއިޒެވެ. އަބްސަލް ވަނީ މި މުބާރާތުގައި 100 މީޓަރު ދުވުމާއި، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑެލް ހޯދާފައެވެ. އަދި މުޒްނާ ވަނީ 100 މީޓަރާއި، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑެލް ހޯދާފައެވެ.

މި މުބާރާތުގައި ވާދަކުރި އުމުރުފުރާތަކުގެ ތެރެއިން 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ޖަމާލުއްދީން ސުކޫލުންނެވެ. އެ ސުކޫލުން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޝަރީފް ސްޕޯޓްސް އިންނެވެ.

މި މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދިއިރު، މި ބައިގެ އަންހެން ޗެމްޕިއަން ޓީމަކީ ޝަރަފުއްދީން ސުކޫލެވެ. އަދި 20 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އައްޑޫ ހައި ސުކޫލުންނެވެ.

މި މަހުގެ 19 އިން އިއްޔެގެ ނިޔަލަށް ފުވައްމުލަކުގައި ކުރިއަށްދިޔަ މި މުބާރާތުގައި 29 ޓީމަކުން 867 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.