ޚަބަރު

ކަލްކަތާ ޑޮކްޓަރުގެ މަރު: ހައިހޫނުކަމުގެ ހަޅުތާލު ހުއްޓައިލަނީ


އިންޑިޔާގެ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގައި ރޭޕުކޮށް މަރައިލާފައިވާ އަންހެން ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން އެ ސްޓޭޓްގެ ޖޫނިއަރ ޑޮކްޓަރުން ފަށާފައިވާ ހައިހޫނުކަމުގެ ހަޅުތާލު ހުއްޓައިލަން އެއްބަސްވެއްޖެއެވެ. ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރެއް ރޭޕުކޮށް މަރައިލާފައި ވަނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހުއެވެ.

އޭނާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތައް ކުރިއެވެ. އަދި, އެ ސްޓޭޓްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ވަނީ ހަޅުތާލުކޮށް, ހަސްފަތާލުތަކުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ދެކޮޅު ހަދާފައެވެ. މަރައިލާފައިވާ ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބާރު އެޅުމުގެ ގޮތުން އެ ސްޓޭޓްގެ ޖޫނިއަރ ޑޮކްޓަރުން ހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައި ވަނީ މީގެ 17 ދުވަސް ކުރިންނެވެ.

ހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވަމުން ދިޔަ ޑޮކްޓަރުން, ހަޅުތާލު ހުއްޓައިލަން އެއްބަސްވެފައި ވަނީ, މަރައިލާފައިވާ ޑޮކްޓަރުގެ ޢާއިލާގެ އެދުމުގެ މަތިންނެވެ. ”އެ މީހުން [މަރައިލާފައިވާ ޑޮކްޓަރުގެ މަންމައާއި ބައްޕަ] ވަނީ ހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދިޔަ ޑޮކްޓަރުންގެ ޞިއްޙީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައި, އަދި, ހަޅުތާލު ކުރުމުގެ ގޮތުން ޞިއްޙީ ޚިދުމަތްތައް މެދުކަނޑައިލުމުން އެ ކަމުގެ އަސަރު އެތަކެއް ހާސް ބަލިމީހުންނާއި ޢާންމު ރައްޔިތުންނަށް ކުރާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައި،“ ހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވި ޑޮކްޓަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ ދޭބާޝީޝް ހަލްދަރު ވިދާޅުވިއެވެ.

ހަޅުތާލުގެ ބައިވެރިން ވަނީ ހުޅަނގު ބަންގާލް ސްޓޭޓްގެ ޗީފް މިނިސްޓަރު މަމްތާ ބޭނަރްޖީއާ ވެސް ބައްދަލު ކޮށްފައެވެ. އަދި, އަންހެނުންނަށް ކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. މީގެ އިތުރުން, ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި, އަނިޔާ ލިބިފައިވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާފައެވެ. ހުޅަނގު ބަންގާލް ސްޓޭޓަކީ އިދިކޮޅު ޕާޓީން ވެރިކަން ކުރާ ސްޓޭޓެކެވެ.

ކަލްކަތާ ޑޮކްޓަރުގެ މަރުގެ ތަޙުޤީޤުގެ ދަށުން ފުލުހުންގެ އިދާރާގައި ހިލޭސާބަހަށް މަސައްކަތް ކުރާ މީހަކު ވަނީ ހައްޔަރަށް ގެންގޮސްފައެވެ. ޑޮކްޓަރުގެ މަރާ ގުޅިގެން ފެށި ހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވި ބައެއް މީހުންގެ ހަށިގަނޑުން ފެން މަދުވެ, ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނެވެ. ޑރ ހަލްދަރު ވިދާޅުވީ, އެ މީހުންގެ ޑިމާންޑުތައް ފުރިހަމަ ކޮށްދިނުމަށް ޗީފް މިނިސްޓަރު ބޭނަރްޖީ ވަޢުދުވެ ވަޑައިގެންނެވި ކަމުގައެވެ. ”ޞިއްޙީ ނިޒާމުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ފަށާފައިވާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދާނަން،“ އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ހަޅުތާލު ކުރަން ފަށާފައިވާއިރު, އިންޑިޔާގެ ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވެ, ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރުމަށް ޚާއްޞަ ޓާސްކުފޯހެއް އެކުލަވައިލާފައެވެ. ހަޅުތާލު ކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ފާހަގަ ކުރަމުންދާ ބައެއް މައްސަލަތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ޑޮކްޓަރުންނަށް ޚާއްޞަ ކޮށްފައިވާ އަރާމުކުރާނެ ވަސީލަތްތައް ނެތުމާއި, ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސެކިޔުރިޓީ ގާޑުން ނެތުމާއި, ސީސީޓީވީ ނިޒާމު ޤާއިމު ކޮށްފައި ނެތުން ހިމެނެއެވެ.

2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އެ ޤައުމުގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިޞްލާޙުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.