ޚަބަރު

2026ވަނަ އަހަރު ކޮމަންވެލްތުން ބާއްވާ ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރއަކަށް ރާއްޖެ


  • މިއަހަރުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން މިއަދު ވަނީ ބާއްވާފައި

  • ބައްދަލުވުމުގައި ކުދި ޤައުމުތަކަށް ދިމާވާ ތަފާތު ދަތިތަކަށް އަލިއަޅުވާލި

  • މިއަހަރުގެ ބައްދަލުވުން ކޯޗެއަރކަން ކޮށްފައިވަނީ ސަމޯއާއާއި އެސްވާޓިނީން

2026 ވަނަ އަހަރު ކޮމަންވެލްތުން ބާއްވާ ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރއަކަށް ދިވެހިރާއްޖެ ހަމަޖެހިއްޖެއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައިވަނީ އަންނަ އަހަރު ކޮމަންވެލްތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރއެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިފައިވާކަން އިޢުލާންކުރީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވި ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއެކު ކޯޗެއަރކަން ކުރާނީ އެއަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމުކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިބައްދަލުވުމުގައި ރާއްޖެއިން އިސްކަންދޭނީ ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ކޯޗެއަރކަން ކުރުމުގެ ފުރުޞަތު ލިބުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިންކުރާ މަސައްކަތަށް ލިބޭ ބާރެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުންތައް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ސަމޯއާގައި ވަނީ ފަށާފައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހިމެނޭހެން ރާއްޖޭގެ އިސްވަފުދެއް ސަމޯއާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި ކުދި ޤަައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ކޮމަންވެލްތުގެ ޤައުމުތަކުގެ ދިމާވާ ދަތިތަކާ ބެހޭގޮތުން ޚާރިޖީ ވަޒީރުންނާ މަޝްވަރާކުރައްވާފައެވެ.

އެގޮތުން ކުދި ޤައުމުތަކުގެ އިޤުތިޞާދަށް ދިމާވާ ދަތިތަކާއި މޫސުުމަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކުގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ކުދި ޤައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިސްލާހުކުރުުގެ މުހިންމުކަން ފާހަގަކޮށް، ދަރަނީގެ މައްސަލައަށް ހައްލުހޯދުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ.

ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ޤައުމަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުުމުގެ ކޯޗެއަރކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީންނެވެ.