ކުޅިވަރު

ޔޫރޯދަ 2016ގެ ޚާއްޞަ ކަވަރޭޖް ޕީއެސްއެމް އިން ފަށައިފި


ފްރާންސްގައި ރޭ ފެށި ޔޫރޯ 2016 ގެ މެޗުތައް ވަގުތުން ދެއްކުމަށް ޕީއެސްއެމްއިން ޔޫރޯދަ 2016، ހައިޑެފިނިޝަން ކަވަރޭޖް ފަށައިފިއެވެ.

ސެޓެލައިޓް މެދުވެރިކޮށް ޕީއެސްއެމްއިން ވަނީ ޔޫރޯ ކަވަރޭޖާއި މެޗު ހައިޑެފިނިޝަންގައި މުޅިރާއްޖެއަށް ފޮނުވާފައެވެ. ޔެސް ޓީވީއާއި ޓީވީއެމްގެ އެޗްޑީ ކަވަރޭޖް ފުރަތަމަ ރޭވެސް މުޅި ރާއްޖޭގައި ބަލާފައިވާކަން ފާހަގަކުރެވެއެވެ. މާލޭގެ ބައެއް ފަރާތްތަކުން އައި.އެސް.ޑީ.ބީ.ޓީ މެދުވެރިކޮށް ޔެސް ޓީވީއާއި ޓީވީއެމްގެ އެޗް ޑީ ކަވަރޭޖް ވަނީ ބަލާފައެވެ. އަދި ކާނިވާ ޞަރަހައްދުގައި ބޮޑު ސްކްރީން ބަހައްޓައިގެންނާއި، ބައެއް ރެސްޓޯރަންޓްތަކުގައިވެސް ޕީއެސްއެމްގެ ކަވަރޭޖް އެޗްޑީކޮށް ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ފައިބަރ ކޭބަލް މެދުވެރިކޮށްވެސް ބައެއް ފަރާތްތަކުން ވަނީ މާލޭގައި ޔޫރޯދަ ދެހާސް ސޯޅަ ކަވަރޭޖް އެޗްޑީކޮށް ބަލާފައެވެ.

ކޭބަލް އޮޕަރޭޓަރސް މެދުވެރިކޮށް ހައިޑެފިނިޝަންގައި ޔޫރޯ ކަވަރޭޖާއި މެޗުތައް ދެއްކުމަށް ކޭބަލް އޮޕަރޭޓަރުނަށް ޕީއެސްއެމްއިން ގެންދަނީ ހިލޭ ޚާއްޞަ ރިސީވަރެއް ދޫކުރަމުންނެވެ. ކޭބަލް އޮޕަރޭޓަރުން ޕީއެސްއެމްއަށް ވަޑައިގެން ނުވަތަ ކޭޕަލް އޮޕަރޭޓަރުންކަން އިނގޭގޮތަށް މަންދޫބުން ފޮނުއްވައިގެން ރިސީވަރުންތައް ނަންގަވައި، ހައިޑެފިނިޝަންގައި ޔޫރޯ ކަވަރޭޖް ދޫކުރުމުގެ ފުރުޞަތު ޕީއެސްއެމް އިން ވަނީ ހުޅުވާލާފައެވެ. އަދި ރިސީވަރުތައް ދޫކުރުމަށް ޕީއެސްގައި ވަނީ ޚާއްޞަ ޓީމެއްވެސް އެކުލަވާލާފައެވެ.

ޔޫރޯ ކަވަރޭޖާއި، މެޗު ދައްކާ ވަގުތު ޔެސް ޓީވީއާއި ޓީވީއެމް ހުންނާނީ އެންކްރިޕްޓްކޮށްފައެވެ. މެޗު ފެންނާނީ ޕީއެސްއެމްއިން ދޫކުރާ ޚާއްޞަ ރިސީވަރު ބޭނުންކޮށްގެންނެވެ. ރިސީވަރު ލިބެންދެންވެސް ހައިޑެފިނިޝަންގައި މެޗު ދެއްކުމަށް އެކްކްރިޕްޓެޑް ޚާއްޞަ އެޗްޑީ ސިގްނަލް ވަނީ އަޕްކޮށްފައެވެ. އެސިގްނަލް ނަންގަވާނެގޮތް ސާފްކުރެއްވުމަށް ޕީއެސްއެމްއަށް އީމެއިލް ނުވަތަ ފޯން ކުރައްވަމުން ގެންދިއުމުން އެމަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މާލޭގެ ޞަރަހައްދަށް މިހާރު ޑިޖިޓަލް އަދި އެނަލޮގް ސިގްނަލް ޓެރަސްޓްރިއަލް ކޮށް ހިލޭ ލިބޭނެއެވެ. މިގޮތަށް އެއްގަމާއި، ކަނޑުގެ އުޅަނދު ފަހަރަށްވެސް ޑިޖިޓަލް އަދި ޓެރަސްޓީރިއަލް ސިގްނަލް ހިލޭ ލިބޭނެއެވެ. ޔޫރޯދަ 2016ގެ ކަވަރޭޖް އިތުރަށް ފުރިހަމަކުރުމަށް ތަފާތު ކްއިޒްތަކާއެކު ރަނގަޅު އިނާމްތަކެއް ވަރަށް އަވަހަށް ހުށައެޅިގެންދާނެއެވެ. އަދި ސަޕޯޓަރުންނާއެކު ކަވަރޭޖްގެ ޚާޢްޞަ ބައެއްވެސް ފެށިގެންދާނެއެވެ.

ޔޫރޯދަ ދެހާސް ސޯޅައިގެ ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. މެއިން ޕާޓްނަރުންނަކީ އެލައިޑް، މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ އަދި އެވިޑެވެ. އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ. އޮފިޝަލް ބެންކިންގ ޕާޓްނަރަކީ ބީއެމްއެލްއެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ އެކްސް.އެކްސް.އެލްއެވެ.

ކަވަރޭޖް ސްޕޮންސަރކުރުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. ޔޫރޯދަ ދެހާސް ސޯޅައިގެ ކަވަރޭޖް ކުރިއަށްގެންދަނީ ރާއްޖޭގެ އެންމެ ފުންނާބު އުސް އެނަލިސްޓުންކަމަށްވާ އަލީ ސުޒޭނާއު، މުޙައްމަދު ނަޒީހުއާއި، ޞަބާހު މުޙައްމަދާއި، ޝިމާޒް އަލީއާއި، އަބުދުﷲ އަޒްމީނާއެކުގައެވެ.