ޚަބަރު

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް: ޖަޕާން ބަލިކޮށް ރާއްޖެއަށް ތިންވަނަ މޮޅު


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ފަސްވަނަ މެޗުގައި ޖަޕާން އަތުން މޮޅުވެއްޖެއެވެ.

މިއަދު ކުޅުނު މެޗުގައި ޖަޕާން އަތުން ރާއްޖެ މޮޅުވީ 62 ޕޮއިންޓް 24 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓާރުގައި ރާއްޖެ ނިންމާލީ 11 ޕޮއިންޓް 9 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ކުއާޓަރު ނިމުނުއިރު 26 ޕޮއިންޓް 15 ޕޮއިންޓުން ރާއްޖެ ކުރީގައި އޮތްއިރު، ތިންވަނަ ކުއާޓަރު ނިންމާލާފައިވަނީ 44 ޕޮއިންޓް 20 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

މި މެޗުން ރާއްޖެ މޮޅުވިިއިރު، މިއީ މި މުބާރާތުގައި ރާއްޖެއިން ހޯދި ތިންވަނަ މޮޅެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ މުޅިން އަލަށް ވާދަކުރާ ސައުދީ އަރަބިއްޔާ އަތުން 74 ޕޮއިންޓް 14 ޕޮއިންޓުން މޮޅުވެފައެވެ. ދެވަނަ މެޗުގައި 64 ޕޮއިންޓް 28 ޕޮއިންޓުން މެލޭޝިއާ އަތުން ބަލިވި ނަމަވެސް، އިންޑިއާ އަތުން ރާއްޖެ ވަނީ 54 ޕޮއިންޓް 48 ޕޮއިންޓުން މޮޅުވެފައެވެ. އެކަމަކު ހަތަރުވަނަ މެޗުގައި ވަނީ ފިލިޕީންސް އަތުން 56 ޕޮއިންޓް 48 ޕޮއިންޓުން ބަލިވެފައެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި 15 ގައުމު ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމުތަކަކީ ސައުދީ އާއި، ސްރީ ލަންކާ އާއި، މެލޭޝިއާ އާއި، ފިލިޕީންސް އާއި، އިންޑިއާ އަދި ޖަޕާނެވެ. ގުރޫޕް ބީގައި ހިމެނެނީ ސިންގަޕޫރާއި، ހޮންގް ކޮންގާއި، ބުރޫނާއީ ދާރުއްސަލާމާއި، ތައިލެންޑާއި، ޗައިނީސް ޓައިޕޭ އާއި، އިރާގް އަދި ބަހްރެއިނެވެ.