ކުޅިވަރު

ފްރާންސްއިން ޔޫރޯ މޮޅަކާއިއެކު ފަށައިފި


މެޗުގެ އެންމެ ފަހު ދެމިނިޓުގެ ތެރޭގައި ޑިމިޓްރީ ޕަޔޭ ކާމިޔާބުކޮށްދިން ގޯލުން ރުމޭނިޔާގެ މައްޗަށް ކުރި ހޯދާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފްރާންސް މޮޅަކުން ފަށައިފިއެވެ.

އަމިއްލަ ފަސްގަނޑުގައި ރޭ ފެށި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ފްރާންސް ކާމިޔާބުކުރީ ރުމޭނިޔާގެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ.

މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ފްރާންސްއިންނެވެ. މި ލަނޑު މެޗްގެ ދެވަނަ ހާފްގެ 12ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ. އޭގެ 8 މިނެޓް ފަހުން ލިބުނު ޕެނަލްޓީއެއްގައި ރުމޭނިޔާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ބޮގްދާން ސްޓަންކޫއެވެ.

މެޗު ބަލަން ވަދެތިބި ފްރާންސްގެ 70،000 ސަޕޯޓަރުން އުފާކޮށްދިން ލަނޑު ޑިމިޓްރީ ޕަޔޭ ކާމިޔާބުކޮށްދިނީ މެޗްގެ 89 ވަނަ މިނެޓްގައެވެ. މެޗުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދެވަނަ ހާފްގައި ފްރާންސްގެ ޕޮގްބާއާއި ގްރިޒްމަން ބަދަލުކުރުމެވެ. ފްރާންސް މޮޅުވީ މިދެކުޅުންތެރިން ބަދަލުކުރިފަހުންނެވެ.

މި މުބާރާތުގައި މިރޭވެސް 3 މެޗް ކުޅޭނެއެވެ. މިއަދު އިރުއޮއްސި 6:00 ގައި ފަށާ މެޗްގައި ބައްދަލުކުރާނީ އަލްބޭނިޔާ އާ ސްވިޓްޒަރލެންޑެވެ. ރޭގަނޑު 9:00ގައި ފަށާ މެޗްގައި ބައްދަލުކުރާނީ ވޭލްސްއާ ސްލޮވާކިއާއެވެ. އަދި ދަންވަރު ބާރަ ޖަހާއިރު ފަށާ މެޗްގައި ބައްދަލުކުރާނީ އިންގްލަންޑާ ރަޝިޔާއެވެ. މި ތިން މެޗްވެސް ޕީއެސްއެމްގެ ޔެސް ޓީވީން އެޗްޑީކޮށް ވަގުތުން ދައްކާނެއެވެ. އަދި ކޮންމެ މެޗެއްވެސް ފެށުމުގެ އެއްގަޑިއިރު ކުރިން މެޗްގެ ޕްރީ ޝޯ ފަށާނެއެވެ.