ޚަބަރު

ޑިސްއެބިލިޓީ ފްލެޓްގެ މައްސަލާގައި ރައީސްގެ ލަފާފުޅަކަށް އެދިއްޖެ


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދެއްވުމަށް ކަނޑައަޅުއްވާފައިވާ 15 ފްލެޓަށް ހޮވިފައިވާ މީހުންނަށް ފްލެޓް ޙަވާލުކުރެއްވުމަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާފުޅަކަށް އެދިވަޑައިގަންނަވާފައިވާ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ވިދާޅުވެއްޖެއެވެ.

ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އެކު ޚިދުމަތް ދިނުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، އެފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ އަމާޒު ހިއްޕަވާފައެވެ. އެގޮތުން ސަރުކާރުގެ އެކި ސިޔާސަތުތަކަށް ބަދަލު ގެންނަވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް އެކި ޚިދްމަތްތައް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަ ގޮތެއްގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް އަމާޒު ކުރައްވައިގެން އެކި އެކި ސިޔާސަތުތައް އެކުލަވާލެއްވުމާއި، ސަރުކާރުން ކުރިއަށްގެންދަވާ ތަފާތު އެކި ސްކީމްތަކުގައި އެފަދަ ފަރާތްތަކައް ބައިވެރިވެވޭނެ ގޮތްތައް ގެންދަވަނީ ފަހިކޮށްދެއްވަމުންނެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމުގެ ގޮތުން، ހުޅުމާލެއިން 2011 ވަނަ އަހަރު 15 ފަރާތަކައް ފްލެޓް ދޫކުރެއްވިއެވެ. އަދި 2013 ވަނަ އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 15 ފްލެޓަށް ޝޯޓްލިސްޓް ކުރައްވާ، އިޢުލާނު ކުރައްވާފައިވެއެވެ.

ފްލެޓްތައް ދޫކުރެއްވުމަށް ކުރައްވަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ނިންމަވާ، އެންމެ މަތިން މާކްސް ލިބުނު 15 ފަރާތައް ފްލެޓް ޙަވާލު ކުރުމުގެ ތެރޭގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ފްލެޓް ޙަވާލު ކުރުމުގެ މަސައްކަތް ހުއްޓުވާލައްވާފައެވެ. އަދި ފްލެޓަށް އެދިފައިވާ މީހުންގެ ފޯރމްތައް އަލުން މުރާޖަޢާ ކުރުމަށް އޭ.ސީ.ސީން ވަނީ، ފްލެޓްދިނުމުގެ މަސައްކަތް ކުރިޔަށްގެންދަވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އަންގަވާފައެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ވިދާޅުވީ، ފްލެޓްތައް ލިބުނު ފަރާތްތަކަށް ފްލެޓް ޙާވާލުކުރުއްވުން ލަސްވަމުންދާތީ، މި މައްސަލައިގައި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާފުޅަކަށް އެދިވަޑައިގަންނަވާފައިވާކަމަށެވެ.

ޑިސްއެބިލިޓީ ފްލެޓްތަކުގެ މައްސަލައާއި ބެހޭ ގޮތުން ޑިސްއެބިލިޓީ ކައުންސިލުން ވިދާޅުވީ، ފްލެޓަށް ހޮވުނު ފަރާތްތަކުގެ ނަން އިޢުލާނުކުރެއްވުމަށްފަހު، ގިނަ ދުވަސްވަމުންދާތީ އެކަމާއި އެކައުންސިލުން ކަންބޮޑުވާކަމަށެވެ. އަދި ފްލެޓްގެ މައްސަލައިގައި، ބޭނުންވާ ފަންނީ އެހީ އެކައުންސިލުން ފޯރުކޮށްދެއްވާފައިވާކަމަށެވެ. އެހެންނަމަވެސް ފްލެޓް ޙަވާލު ނުކުރެވި ތިން އަހަރު ވަމުންދާއިރު، ފްލެޓް ޙަވާލުކުރެވިފައިނުވާތީ، ފެލެޓް ހައްޤުވާ ފަރާތްތަކައް ވީ އެންމެ އަވަހަށް ފްލެޓް ޙަވާލުކޮށްދެއްވުމަށް އެކައުންސިލުންވަނީ ގޮވާލައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ކަނޑައަޅުއްވާފައިވާ ޚާއްޞަ 15 ފްލެޓްގެ އިތުރުން، ގެދޮރުވެރިކަމުގެ ސްކީމުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ފްލެޓްތަކުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ބެލެނިވެރި ފަރާތައް އިތުރު 15 ޕޮއިންޓް ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.