ސިއްހަތު

ރާއްޖޭގައި ޑެންގީ ކޮންޓްރޯލް ކުރެވިދާނެ- ޑަބްލިއުއެޗްއޯ


ޑެންގީ ހުން ކޮންޓްރޯލްކުރުމަށް ރާއްޖޭގެ ޞިއްޙީ އިދާރާތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށާއި، ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑަބްލިއު.އެޗް.އޯގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިވެހި ސަރުކާރަށް ދޭނެކަމަށް ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާއި އެކު ރާއްޖޭގައި ޑެންގީ ހުން ފެތުރެމުންދާތީ، ސަރުކާރުން ގެންދަވަނީ މިކަމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ޑެންގީ ހުން ފެތުރެނީ މަދިރީގެ ޒަރީއާއިން ކަމަށްވުމާއިއެކު، މަދިރި ކޮންޓްރޯލްކުރުމަށް ސަރުކާރުންވަނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު މަދިރިކޮންޓްރޯލް ކުރުމުގެ ޤައުމީ ތިންވަނަ ކެމްޕެއިން ފައްޓަވާފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިންތިޒާމްކުރައްވައިގެން ކުރިޔަށްގެންދަވާ މި ކެމްޕެއިނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ ޑަބްލިއު.އެޗް.އޯ އިންނެވެ.

ޑެންގީ އިން ރައްކާތެރިވެ، މަދިރި ކޮންޓްރޯލް ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޑަބްލިއު.އެޗް.އޯގެ ދައުރާއި ބެހޭ ގޮތުން ޕީ.އެސް.އެމްއާއި ވާހަކަފުޅު ދައްކަވަމުން ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރް ވިދާޅުވީ، މަދިރި ކޮންޓްރޯލް ކުރުމާއި، ޑެންގީހުމުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކުރަމުންދާ މަސައްކަތައް ތަޢުރީފް ޙައްޤުކަމަށެވެ. އޭނާ ވިދާޅުވީ ޑެންގީ ހުމުން ރައްކާތެރިވުމަށާއި، ފަރުވާދިނުމުގައި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ވަރަށް ހަރުދަނާ ކަމަށާއި، އަދި މަދިރިކޮންޓްރޯލް ކުރުމަށް ކުރިޔަށްގެންދާ ޤައުމީ ކެމްޕެއިންގެ ސަބަބުން މަދިރި ކޮންޓްރޯލް ކުރެވި، ޑެންގީ ހުމުގެ ކޭސްތައް މަދުކުރެވޭނޭކަމުގެ އުންމީދު ބޮޑުކަމަށެވެ. އޭނާ ވިދާޅުވީ، އެޖަމްޢިއްޔާއިން ކެމްޕެއިން ޑިޒައިން ކުރުމުން ފެށިގެން، ތަންފީޒް ކުރުމުގެ މަރުޙަލާއާއި ހަމައަށް ފަންނީ އެހީއާއި ލަފާއަރުވަމުންގެންދާނޭކަމަށެވެ.

ޑރ. އަރްވިންދް މާތުރް ވިދާޅުވީ، ޑެންގީ ހުން ހަލުވިކަމާއި އެކު ފެތުރެމުންދަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، އެލްނީނޯގެ ސަބަބުން، މި ޞަރަޙައްދުގެ އެހެނިހެން ބައެއް ޤައުމުތަކުގައި ވެސް މި ބަލި ފެތުރެމުންދާކަމަށެވެ. އަދި ޑެންގީހުމުން ރައްކާތެރިވުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ސިޔާސީ ގޮތުން އެއްބާރުލުން ލިބެމުންދާތީ، މިއީ ޑެންގީއިން ސަލާމާތްވުމާއި ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް ލިބިފައިވާ ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިޔާސީ ފަރާތްތަކާއި، އަދި ފަރުދީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ސަބަބުން، ޑެންގީއާއި، ޒިކާފަދަ ވައިރަސް ފަތުރާ މަދިރި ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

މިއަހަރުގެ ވިއްސާރަ މޫސުމާއި ދިމާކޮށް، މާލެ އާއި އަތޮޅު ތެރޭގައި ޑެންގީ ހުން ފެތުރެމުންދާއިރު މިހާތަނަށް ޑެންގީއަށް ފަރުވާދެމުން ދަނިކޮށް ތިން މީހަކު މަރުވެފައިވެއެވެ. މީގެ ތެރޭގައި ތުއްތު ކުއްޖަކުވެސް ހިމެނެއެވެ. އަދި މިއަހަރުގެ މިހާތަނަށް ހަސަތޭކަ އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު މީގެތެރެއިން ހަތަރުސަތޭކައަށް ވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ.