ޚަބަރު

ސަޢޫދީން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް މާލޭގައި ފަށައިފި


ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހަދިޔާކުރައްވާފައިވާ ކަދުރު ބެއްސެވުމުގެ މަސައްކަތް މާލޭގައި ފަށްޓަވައިފިއެވެ.

މާލޭގައި ކަނދުރު ބެއްސެވުން ކުރިޔަށް ގެންދަވަނީ ހައުސިންގ މިނިސްޓްރީގެ އިދާރީ ކަންތައްތަކާބެހޭ ބައި ހުންނަ ތައިސޭ ކޮށީގައެވެ.

މިއަހަރުގެ ރަމަޟާންމަހަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު 7840 ކިލޯގެ ކަދުރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަދިޔާ ކުރައްވާފައިވާއިރު، މީގެ ތެރެއިން ވިލިމާލެވެސް ހިމެނޭގޮތަށް މާލެ ސިޓީއަށް ބެހުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅުއްވާފައިވަނީ 3920 ކިލޯ ކަދުރެވެ. އެއީ ކޮންމެ ގޭބިސީއަކަށް ދެކިލޯގެ ކަދުރު ޕެކެޓެވެ.

ކަނދުރު ބެހުމަށް ހަމަޖައްސަވާފައިވަނީ ރަސްމީ ބަންދުނޫން ދުވަސްތަކާއި އަދި ހޮނިހިރު ދުވަހު ހެނދުނު ދިހަގަޑި ފަނަރައިން މެންދުރުފަހު ދޭއްޖެހުމާހައަށެވެ. އަދި ކަދުރު ބެހުމަށް ނަމްބަރު ދޫކުރައްވަނީ މިދުވަސްތަކުގައި ހެނދުނު ނުވައަކުން ފެށިގެން ކޮންމެ ދުވަހަކު 100 ނަމްބަރު ހަމަވެންދެން ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ނަމްބަރު ދޫކުރައްވަނީ ހައުސިންގ މިނިސްޓްރީގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގެ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގު ގޭޓުންނެވެ. ކަދުރު ދޫކުރައްވަނީ އެތަނުގެ އުތުރު ފަރާތު ފަޅުމަތީމަގު ގޭޓުންނެވެ.

ކަދުރު ހޯދުމަށް މާލޭގެ ރައްވެއްސެއްކަން އަންގައިދޭ ލިއުމެއް ގެންދަންޖެހެއެވެ. މިގޮތުން އައިޑީކާޑު އަދި މާލޭ ދަފްތަރުގައި ޖައްސާފައިވާ ފަރާތެއްނަމަ މާލޭ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓްގެ ކޮޕީއެއް ކަދުރުގެ އެހީއާއި ހަވާލުވާން ދާއިރު ގެންދަންޖެހެއެވެ. މީގެ އިތުރުން ކަދުރު ދޫކުރައްވާއިރު، އެކަކަށް އެންމެ ގިނަވެގެން ދޫކުރައްވާނީ ދެ ގޭބީސީގެ ކަދުރު ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ މިގޮތަށް ހަމަޖައްސަވާފައިވަނީ މާލޭގެ ރަށްވެހިންނަށް ބެހުމަށް ދޫކޮށްފައިވާ ކަދުރު ވީހާވެސް ގިނަ ރަށްވެހިންނަށް ލިބޭނެ ގޮތް ހަމަޖެއްސެވުމުގެ ބޭނުމުގައި ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ބެހުމަށް ކަނޑައަޅުއްވާފައިވާ ކަދުރު ހުސްވަންދެން ކަނދުރު ބެހުމުގެ މަސައްކަތް ކުރިޔަށްގެންދަވާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.