ޚަބަރު

އުޒްބެކިސްތާން އަތުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން


މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ހަތަރުވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އުޒްބެކިސްތާން އަތުން ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް އުޒްބެކިސްތާނުގެ ޓަޝްކެންޓުގައި ކުރިއަށްދާ މި މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ތަޖިކިސްތާނާއި، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ހަތަރުވަނަ މެޗުން ބަލިވީ އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުންނެވެ. މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އުޒްބެކިސްތާނުން ގެންދިޔައީ 27-25 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެ ސެޓުތައް އުޒްބެކިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-14 އަދި 25-20 އިންނެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އަދި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި، އެހެން ހުރިހާ މެޗަކުން ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ. މިއަދު ކުޅުނު މެޗުން ބަލިވުމާއެކު ރާއްޖެއަށް ވަނީ ލޯ މެޑެލް މެޗުން ޖާގައެއް ހޯދުމުގެ ފުރުސަތުވެސް ގެއްލިފައެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.