ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ވިއެޓްނާމްގެ އައު ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ


ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓްގެ މަޤާމާ، ލުއޮންގް ކުއޮންގް ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމްގެ އައު ރައީސް، މަޤާމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާގެ މެސެޖުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖު ނިންމަވާލައްވަމުން، ވިއެޓްނާމްގެ ރައީސް ކުއޮންގްއަށް ކާމިޔާބީއާއި ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުން ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.