ދުނިޔެ

އިން ސޫރިޔާގެ ދަރާޔާއާއި ދޫމާއަށް ކާބޯތަކެތީގެ އެހީފޯރުކޮށްދީފި


ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އދ.އިން ސޫރިޔާގެ ދަރާޔާއާއި ދޫމާއަށް ކާބޯތަކެތީގެ އެހީފޯރުކޮށްދީފިއެވެ.

ބައިނަލްއަޤްވާމީ އެހީދޭ ޖަމާއަތްތަކުގެ ވެހިކަލްތައް ސުރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ދަރާޔާ އަދި ދޫމާއަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައިމިވަނީ ސޫރިޔާ ސަރުކާރުން މިކަމަށް ހުއްދަދިނުމުންނެވެ. ދަރާޔާއަށް ފޯރުކޮށްދިން އެހީ އަކީ އެރަށަށް 2012ވަނަ އަހަރުގެ ފަހުން ކާބޯތަކެތީގެ އެހީ ބައިނަލްއަޤްވާމީ ފެންވަރުގައި ފޯރުކޮށްދިން ފުރުތަމަ ފަހަރުވެސްމެއެވެ.

img:http://s2.psmnews.mv/images/660x400/14656287473212.jpg|ސީރިޔާއަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ފްލައިޓަކުން ތަކެތި ބާލަނީ- ފޮޓޯ: ޒިންހުއާ

އދ އާއި ސީރިއަން ރެޑް ކްރެސެންޓުން ދަރާޔާއަށް ދީފައި މިވަނީ އެއް މަސްދުވަހަށް 2400 މިހުންނަށ ކާބޯތަކެތި ފޯރުކޮށްދެވޭހާ އެހީއެވެ. އަދި ދިމިޝްގުގެ ކައިރީގައި ހުންނަ ދޫމާއަށްވެސް މިހާރު ވަނީ އެހީދޭ ޖަމާއަތްތަކުގެ ވެހިކަލްތައް ފޯރާފައެވެ. މިސަރަހައްދަށް ދިން އެހީގެ ތެރޭގައި ބޭހާއި، ކާނާ އަދި ފުއް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ދަރާޔާގެ ލޯކަލް ކައުންސިލް އަދި ސޫރިޔާގެ ހާލަތު މޮނިޓަރކުރުމަށް ހަރަކާތްތެރިވާ ގްރޫޕްތަކުން ބުނާގޮތުގައި ދަރާޔާއަށް ލިބިފައިވާ އެހީގެ ތަކެއްތި މަހެއް ވަންދެން ބޭނުންނުކުރެވޭނެކަމަށެވެ. އަދި މިސަރަހައްދުގައި މިހާރު ދިރިއުޅެމުންދާ މީހުންގެ އަދަދު އދއަށް ލަފާކުރެވިފައިވަނި މަދުންކަމަށެވެ.

img:http://s4.psmnews.mv/images/660x400/14625186903938.jpg|ސޫރިޔާ ހަނގުރާމައިގެ ތެރެއިން - ފައިލް ފޮޓޯ: ޒިންހުއާ

ދަރާޔާގެ ކައުންސިލުން ބުނީ ދަރާޔާގައި 8 ހާހަށް ވުރެން ގިނަ ރައްޔިތުން އެބަތިބިކަމަށެވެ. އަދި އދއިން ފޯރުކޮށްދީފައިވާ ކާބޯތަކެތީގެ އެހީން 2 ހަފްތާވެސް ނުވަނެކަމަށް ދަރާޔާގެ ކައުންސިލުން މައުލޫމާތުދެއެވެ. އަނެއްކޮޅުން އެހީގެ ވެހިކަލްތައް ދަރާޔާއަށް ފޯރިތާ މާގިނަ އިރެއްނުވަނީ ސޫރިޔާގެ ސަރުކާރުގެ ފައުޖުތަކުންވަނީ މިސަރަހައްދަށް އަމަޒުކޮށް ބޮމުގެ ހަމަލާތައް ދީފައިވާކަމަށް އެސަރަހައްދުގެ ރައްޔިތުން ވަނީ ބުނެފައެވެ.

ދަރާޔާގެ ސިޓީ ކައުންސިލުން ބުނީ ސޫރިޔާ ސަރުކާރުން މިސަރަހައްދަށް ހެލިކޮޕްޓަރުތަކެއް މެދުވެރިކޮށް 28 ބެރަލް ބޮން ވައްޓާލާފައިވާކަމަށެވެ. ސޫރިޔާގެ ދަރާޔާއަކީ ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ބަނޑުހައިހޫނުކަން ތަހަންމަލްކުރަމުންދާކަމަށް ރިޕޯޓްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ. އެންމެ ފަހުން މިސަރަހައްދަށް އެހީ ފޯރުކޮށްދީފައިވަނީ 1 ޖޫންގައެވެ. ނަމަވެސް އެއީ ކާބޯތަކެތީގެ އެހީއެއް ނޫނެވެ.

img:http://s2.psmnews.mv/images/660x400/14641676878291.jpg|ސޫރިޔާގައި ހަނގުރާމަ ކުރަމުންދާ ސަރަހައްދެއް- ފޮޓޯ: ޒިންހުއާ

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަ ދައްކަވަމުން ސޫރިޔާގެ ސުލްހައިގެ މަޝްވަރާތައް ވިލަރެސްކުރައްވާ އދގެ މަންދޫބު ސްތެފާން ދި މިސްތޫރާ ވިދާޅުވީ ސޫރިޔާގެ ސަރުކަރުން އެޤައުމުގެ 15 ސަރަހައްދަކަށް ބައިނަލްއަޤްވާމީ އެހީ ފޯރުކޮށްދިނުމަށް ހުއްދަދީފައިވާކަމަށެވެ. އަދި އެއްގަމުން އެހީފޯރުނުކޮށްދެވޭ ހާލަތެއްގައި ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަށް ވިސްނަވާކަމަށް އދގެ މަންދޫބު ވިދާޅުވިއެވެ. އދއިން ބުނީ ސޫރިޔާގެ އިތުރު ސަރަހައްދުތަކަށް އެހީފޯރުކޮށްދިނުމާއި ބެހޭ ގޮތުން މަޝްވަރާތައް އަދިވެސް ކުރިޔަށްދާކަމަށެވެ.

ސޫރިޔާގެ ރެޑްކްރެސެންޓުން ބުނީ ހަނގުރާމައިގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ އަތްދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ 4.6 މިލިއަން ރައްޔިތުން އެކަހެރިކުރެވިފައިވާ ސަރަހައްދުތަކުގައި ތާށިވެ ހާލުގައިޖެހިފައިވާ ކަމަށެވެ.