ޚަބަރު

ވެން ޑައިކުގެ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް ފެށިފައިވާ ކަމަށް އޭނާ ބުނެފި


ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް އާއެކު އެ ކުލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ މަޝްވަރާތައް ފެށިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

2018 ވަނަ އަހަރު ޕްރިމިއާ ލީގުގެ ސައުތެމްޓަން އިން ލިވަޕޫލް އާއި ގުޅުނު އުމުރުން 33 އަހަރުގެ ވެންޑައިކް އާއިއެކު ލިވަޕޫލް އިން މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެންޑައިކް ވަނީ ލިވަޕޫލް އިން ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން އެފްއޭ ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ވެންޑައިކް ބުނެފައިވަނީ އޭނާއާއިއެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ މަޝްވަރާތައް ކްލަބުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއިއެކު ކުރިއަށްދާ ކަމަށާއި ނަމަވެސް ނިމިގެންދާނެ ގޮތެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

އަދި އެމަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް އޭނާގެ ވިސްނުން މިވަގުތު ހުރީ ކުރިއަށް ހުރި މެޗުތަކުގައި ރަގަޅު ނަތީޖާތަކެއް ހޯދުމަށް ކަމަށާއި އޭނާގެ ހުރިހާވެސް ވަގުތެއް ހުސްކޮށްފައިވަނީ އެ ކްލަބަށް ކާމިޔާބީ ހޯދައިދިނުމަށް ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ކަމާއި މި ސީޒަނުގައި އަލަށް ހަވާލުވި ނެދަލޭންޑްސްގެ އާން ސްލޮޓް ބުނެފައިވަނީ އެ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންގެ ކޮންޓްރެކްޓްތައް އައު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އައު ކުރާނީ މި ސީޒަނުގައި އެ ކުޅުންތެރިން ދައްކާ ކުޅުމަށް ބެލުމަށްފަހުގައި ކަމަށްވެސް ސްލޮޓް ވަނީ ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް އަށް މެޗު ކުޅެފައިވާއިރު އެއް ޕޮއިންޓްގެ ފަރަގަކާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ.