ދުނިޔެ

އަބޫބަކުރު އަލް-ބަޤްދާދީ ޒަޚަމްވިކަން ޔަގީނެއް ނޫން- އެމެރިކާ


އިރާޤުގެ އުތުރުގެ ސަރަޙައްދެގައި ދިން ވައިގެ ޙަމަލާއެއްގައި އައި.އެސް ޖަމާއަތުގެ ވެރިޔާ އަބޫބަކުރު އަލް-ބަޤްދާދީ ޒަޚަމްވެފައިވާކަމަށް ލިބެމުންދާ ރިޕޯޓްތައް ޔަޤީން ކުރެވިފައިނުވާކަމަށް އެމެރިކާއާއި އިރާޤުގެ އޮޕިޝަލުން ބުނެފިއެވެ.

އެމެރިކާއާއި އިރާޤުން އައި.އެސްއާއި ދެކޮޅަށް ހަރަކާތްތެރިވުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ އޮފިޝަލަކު ވިދާޅުވީ ވައިގެ ހަމަލާއެއްގައި އައި.އެސް ޖަމާއަތުގެ ވެރިޔާ އަބޫބަކުރު އަލް-ބަޤްދާދީ ޒަޚަމްވެފައިވާކަމަށް އިރާޤުގެ ޓީވީއަކުން ފަތުރަމުންދާ ރިޕޯޓްތައް ކަށަވަރުކުރެވޭވަރަށް މަޢުލޫމާތު ލިބިފައިނުވާކަމަށެވެ.

ވައިޓްހައުސްގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައި.އެސްއާއި ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ކޯލިޝަނަށް އެމެރިކާއިން ކަޑައަޅާފައި ހުންނަ މަންދޫބު ބްރެޓް މެކްގަރކް ވިދާޅުވީ މިދިޔަ އަހަރުން ފަހުކޮޅުން ފެށިގެން ބަޤްދާދީގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ބަޤްދާދީ މަރުވެފައިވާކަމަށް ބެލެވެންވީ ސަބަބެއް ނެތްކަމަށް މެކްގަރކް ފާހަގަކުރެއްވިއެވެ.

އިރާޤުގައި ހަރަކާތްތެރިވަމުންދާ ކުރުދީ އަދި ޢަރަބި އޮޕިޝަލުންވެސް ބުނީ ބަޤްދާދީ ޒަޚަމްވެފައިވާކަމަށް ލިބެމުންދާ ރިޕޯޓްތައް ޔަގީންނުކުރެވޭކަމަށެވެ. އިރާޤުގެ އަލް-ސުމާރިޔާއިން ރިޕޯޓްކުރިގޮތުގައި އައި.އެސްއާއި ދެކޮޅަށް ހަރަކާތްތެރިވަމުންދާ ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާއެއްގައި އައި.އެސްގެ ވެރިޔާ ބަޤްދާދީގެ އިތުރުން އެހެން އިސް ހަނގުރާމަވެރިންވެސް ވަނީ ޒަޚަމްވެފައެވެ.

މިހަމަލާ އަމާޒުވެފައިވަނީ ސޫރިޔާގެ ބޯޑަރުކައަރީގައި ހުރި އައި.އެސް ޖަމާއަތުގެ މައި ކޮމާންޑް ސެންޓަރަކަށްކަމަށް ރިޕޯޓްތައް ބުނެއެވެ.