ޚަބަރު

ރެސްޓޯރެންޓް ތަކުގެ ރޯދަ ވީއްލާ މެނޫތަކަށް ބޮޑު ތަރުހީބެއް


ރެސްޓޯރެންޓްތަކުގައި ރޯދަ ވީއްލުމަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި، ޚާއްސަކޮށް މާލޭގައި ވަރަށް އާންމުކަމެކެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ރެސްޓޯރެންޓް ތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން އެއް ރޯދަ މަހުން އަނެއް ރޯދަމަހަށް ރެސްޓޯރެންޓްތަކުގެ ފެންވަރު ރަނގަޅުކޮށް، މެނޫގައި ގިނަ ބާވަތްތަށް ހިމަނައި، މީހުން ޝައުގުވެރިވާހާ ގޮތްތަށް މި ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންގެންދެއެވެ.

މިއަހަރުވެސް އެންމެ ތަފާތު ރެސްޓޯރެންޓެއްގެ ގޮތުގައި ފެނިގެންދަނީ ހުޅުމާލޭ ފަޅުގައި ހަދާފައިވާ ޔޫ.އައި ފްލޯޓިންގ ވިލާއެވެ. މިދިޔަ އަހަރު ރޯދައަށް ޚާއްސަކޮށް ހުޅުވި މިރެސްޓޯރެންޓަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ރޯދައަށް މިރެސްޓޯރެންޓް ބޮޑުކޮށް، ސްވިމިންގޕޫލެއްވެސް ވަނީ އިތުރުކޮށްފައެވެ. މިރެސްޓޯރަންޓުން ބުނީ އެއީ ވަރަށް ތަފާތު، އަދި ހިންހަމަ ޖެހޭ މާހައުލެއްގައި ރޯދަވީއްލާނެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ.

މީގެ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު، މިފަހަރު ދެން ފާހަގަކޮށްލެވޭ އެއްކަމަކީ، ގިނަ އަދަދެއްގެ ބަޔަކު ހެޔޮ އަގެއްގައި ރޯދަ ވީއްލަން ދާ ހާބަރު ސަރަހައްދުގެ ކޭފޭތަށް ބަންދުކޮށްފައި ހުރުމެވެ. ނަމަވެސް މިކަމުގެ ސަބަބުން ކާނިވާ ސަރަހައްދުގެ ކެފޭ ރެސްޓޯރަންޓްތަކަށް ބާރުބޮޑުނުވާކަމަށް އެ ސަރަހައްދުގައި ކެފޭގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.

މާލޭގައި މީހުން އާންމުކޮށް ވަދެ އުޅޭ ބޮޑެތި ރެސްޓޯރެންޓްތަކުގެ ރޯދަ ވީއްލާ މެނޫއަށް ބަލާއިރު، ތަފާތު ބާވަތްތަކުގެ ކާނާ މެނޫތަކުގައި ހިމަނާފައިވެއެވެ. ރެސްޓޯރެންޓް ތަކުގައި ރޯދަ ވީއްލުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މެނޫތަކުގެ އަގަށް ބަލާއިރު، ބައެއް ރެސްޓޯރެންޓް ތަކުގައި އަގުތައް ހުރީ މީހަކަށް 190 އާއި 250 ރުފިޔާ އާއި ދެމެދުގައެވެ. އަދި ބައެއް ތަންތަނުގައި މިއަދަދު ފައްސަތޭކައިން މަތީގައިވެސް ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ރެސްޓޯރަންޓްތަކުގައި ރޯދަ ވީލުމުގެ ކަންކަން މިރޯދަމަހު ކުރިއަށްދާ ގޮތާއި، ލިބޭ ތަރުހީބު ހިއްސާކުރަމުން މި ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބުނީ، މިފަހަރުވެސް ރޯދަ މެނޫއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.