ޚަބަރު

އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ މައުލޫމާތު އާއްމުކުރަން ނިންމައިފި


  • 30 ނޮވެމްބަރުގެ ނިޔަލަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ވަނީ އަންގާފައި

  • ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކާ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

އެއްބަސްވެފައިވާ އުސޫލުގެދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާއްމުކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ އެކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތުގެތެރެއިން، ވިޔަފާރިތަކުން ދައްކަންޖެހި ނުދައްކާހުރި ފައިސާ ހޯދަން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އެޗްޑީސީން ވިޔަފާރި އުސޫލުން ދެމުންއަންނަ ޚިދުމަތްތަކާއި، ދޫކޮށްފައިވާ ތަންތަން އަދި ތަރައްޤީކުރާ ތަންތަނަށް ފައިސާ ނުދައްކާ ހުރި ފަރާތްތަކުން، މިހާރުންފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް އެ ފައިސާ ދައްކާ ޚަލާސްކޮށް، ކޯޕަރޭޝަނަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ޔަގީންކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގެތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިސްއެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މަޢުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްޞީލް އެޗްޑީސީގެ ވެބްސައިޓްގައި އާއްމުކުރާނެކަމަށް އެކުންފުނުން ވަނީ ހާމަކޮށްފައެވެ.

އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް [email protected] މެއިލްކުރުމުން މަޢުލޫމާތު ސާފުކުރެވޭނެކަމަށް އެޗްޑީސީން ވަނީ މައުލޫމާތުދެއްވާފައެވެ.

އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާއްމުކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ހޯދުމާއި، ދަރަނި ކުޑަކުރުމަށް އެކުންފުނިތަކުންދަނީ މަސައްކަތްކުރަމުންނެވެ.